ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ރ. ވާދު އަށް ވަޑައިގަންނަވާތީ އެ މަނިކުފާނަށް ހޫނު މަރުޚަބާ އެއް ދެންނެވުމަށް ރައްޔިތުން ތައްޔާރުވެއްޖެއެވެ.
އެ މަނިކުފާނު ރ، ވާދުއަށް ޒިޔާރަތްކުރައްވާނީ މިއަދު އެވެ. މި ޒިޔާރަތުގައި އެމަނިކުފާނު ވާދޫގެ ހާލަތާއި ސަރުކާރުން ހިންގާ މަޝްރޫޢުތައް ބައްލަވާލައްވާނެ އެވެ. އަދި ރަށުގެ މުވައްސަސާތަކާއި ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މި ޒިޔާރަޔުގައި އެމަނިކުފާނު ރ. ވާދޫގެ ރައްޔިތުންނާއި ބައްދަލުކުރައްވައި އެ ރައްޔިތުން އެދޭ ކަންކަމާއި ހުރި ކަންބޮޑުވުންތައް ސާފުކުރައްވާނެއެވެ. އަދި މުވައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައި އެ މުވައްސަސާތަކަށް ހުރި ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ކަންކަން އޮޅުންފިލުއްވަވާނެއެވެ.
އެ މަނިކުފާނު ވަޑައިގަންނަވާތީ ރ. ވާދޫގައި ވަނީ މަރުޚަބާ ދެއްނެވުމަށް ބޮޑެތި ތައްޔާރީތަކެއްވެފައެވެ. އެ ގޮތުން، އެންމެ ބޮޑު ތައްޔާރީއެއް ވެފައި ވަނީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ އަދި ސަރުކާރު ހިންގާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވާދޫ ގޮފިންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. ވާދު އަށް ޒިޔާރަތްކުރައްވަން ނިންމެވި އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ 5 އަހަރުގެ ދައުރުގެ ތެރޭގައި ރ. ވާދު އަށް އެމަނިކުފާނު ވަޑައިގެންފައެއްނުވެއެވެ.
އެންމެ ފަހުން ރ. ވާދު އަށް ޒިޔާރަތްކުރެއްވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އާއި ޑރ. ހަސަން ވަހީދު އެވެ. އޭގެ ކުރިން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ޤައްޔޫމް ރ. ވާދު އަށް ދެ ފަހަރެއްގެ މަތިން ވަޑައިގަތެވެ.
