ރ. ވާދޫ ސިޓީ ހޮޓެލްގެ މަޝްރޫޢު ހިންގަން އައު އެގްރީމެންޓެއް ނަހަދާނެ ކަމަށާއި ކުރަން އުޅޭ ކަމަކީ ލީސް ބަދަލުކުރުން ކަމަށް ރ. ވާދޫ ކައުންސިލުން ބުނެފިއެވެ.
ވާދޫ ކައުންސިލުން ރައްޔިތުންނަށް ހިއްސާނުކޮށް ސިއްރުން ބައްދަލުވުމެއް ބާއްވާ އެހެން ބަޔަކަށް މި މަޝްރޫޢު ހިންގަން ހަވާލުކުރަން އުޅޭ ކަމަށް ތުހުމަތުކޮށް ޒުވާނުންތަކެއް މިރޭ ވަނީ ވާދޫ ކައުންސިލްގެ އިދާރާ ކުރިމަތީގަައި ހިމޭން އިހުތިޖާޖެއްކޮށްފައެވެ.
އެ ކަން ދޮގުކުރައްވައި ވާދޫ ލައިވް އަށް ވާދޫ ކައުންސިލްގެ ރައީސް ހުސައިން ޢަލީ ވިދާޅުވީ، ރ. ވާދޫ ސިޓީ ހޮޓެލްގެ މަޝްރޫޢު ހިންގަން ކައުންސިލުން އަދި ވެސް އެއްބަސްވުމެއް ހަދާފައި އޮތީ 2016 ވަނަ އަހަރު އެ ކަން ހަވާލުކުރި ކުންފުނި ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑާ އެކު އެކަނި ކަމަށެވެ.
ހުސައިން ވިދާޅުވީ، އެކަމަކު އެ ކުންފުނިން ދާދި ފަހުން ބޭރުގެ ކުންފުންޏަކަށް ލީސް ބަދަލުކުރަން ނިންމާފައިވާކަން ކައުންސިލަށް ސިޓީއަކުން އަންގާފައިވާ ކަމަށެވެ. އެއީ އެ ކުންފުންޏަށް ގާނޫނާއި ގަވާއިދުގެ ދަށުން ލިބޭ ހައްގެއްކަން ފާހަގަކޮށް ހުސެއިން ވިދާޅުވީ އެހެންވެ ސިޓީއަށް ޖަވާބެއް ދިނުމުގެ ކުރިން ކައުންސިލްގެ ކުށްލި ބައްދަލުވުމެއް ބާއްވާ އެ ކަމުގައި އެހެން މެމްބަރުންނާއި ވެސް މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ.
ހުސައިން ވިދާޅުވީ، މަޝްރޫޢުގެ އެއްވެސް ކަމެއް ސިއްރު ނުކުރާނެ ކަމަށާއި ރައްޔިތުންނަށް މިކަމުގެ މަޢުލޫމާތު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން ލީސް ބަދަލުކުރަނީ ސިންގަޕޫރުގެ ކުންފުންޏަކަށެވެ.
2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރި މި މަސަައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ.
މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފާލަން ހޯލްޑިންގްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށް ކަމަށެވެ. އަދި ޖުމްލަ އަށް މިލިއަން ޑޮލަރު އެތަނަށް އިންވެސްޓް ކުރާނެކަމަށާއި އެތަނުގައި 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ތަރައްގީކުރާނެ ކަމަށް ވިދާޅުވި އެވެ.
މި ޕްރޮޖެކްޓް 24 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
