ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސްގައި ރ. ވާދޫ ކައުންސިލް ބޮޑުތަނުން ދަށަށް ވެއްޓިއްޖެއެވެ.

ކައުންސިލްތަކުގެ މަސައްކަތްތައް މޮނިޓަރކޮށް ރޭންކް ކުރުމަށް ފަހު، ވަނަވަނައަށް އައި ކައުންސިލްތަކަށް ފިލާ ހަވާލު ކުރުމަށް އެލްޖީއޭން ރަސްމިއްޔާތެއް ބާއްވާފައިވެއެވެ.

އެލްޖީއޭން އާންމު ކޮށްފައިވާ ކައުންސިލްތަކުގެ ޕާފޯމަންސް ރިޕޯޓް 2019-2020ގައި ވާ ގޮތުން، ރ. އަތޮޅުގެ ރޭންކިންގައި 2019 ވަނަ އަހަރު ވާދޫ ކައުންސިލް އޮތީ 3 ވަނައިގައެވެ. ނަމަވެސް 2020 ވަނަ އަހަރު އެ ކައުންސިލް ވަނީ 8 ވަނައަށް ވެއްޓިފައެވެ.

2019 ވަނަ އަހަރުގެ ރޭންކިން:

1 ވަނަ، ކިނޮޅަހު ކައުންސިލް
2 ވަނަ، ފައިނު ކައުންސިލް
3 ވަނަ، ވާދޫ ކައުންސިލް
4 ވަނަ، އަނގޮޅިތީމު ކައުންސިލް
5 ވަނަ، ހުޅުދުއްފާރު ކައުންސިލް
6 ވަނަ، ރަސްމާދޫ ކައުންސިލް
7 ވަނަ، މީދޫ ކައުންސިލް
8 ވަނަ، އަލިފުށީ ކައުންސިލް
9 ވަނަ، އިންނަމާދޫ ކައުންސިލް
10 ވަނަ، މާކުރަތު ކައުންސިލް
11 ވަނަ، މަޑުއްވަރީ ކައުންސިލް
12 ވަނަ، އުނގޫފާރު ކައުންސިލް
13 ވަނަ، ދުވާފަރު ކައުންސިލް
14 ވަނަ، އިނގުރައިދޫ ކައުންސިލް
15 ވަނަ، ރަސްގެތީމު ކައުންސިލް

2020 ވަނަ އަހަރުގެ ރޭންކިން:

1 ވަނަ، ކިނޮޅަހު ކައުންސިލް
2 ވަނަ، ފައިނު ކައުންސިލް
3 ވަނަ، ހުޅުދުއްފާރު ކައުންސިލް
4 ވަނަ، މަޑުއްވަރީ ކައުންސިލް
5 ވަނަ، އަނގޮޅިތީމު ކައުންސިލް
6 ވަނަ، މާކުރަތު ކައުންސިލް
7 ވަނަ، މީދޫ ކައުންސިލް
8 ވަނަ، ވާދޫ ކައުންސިލް
9 ވަނަ، ރަސްގެތީމު ކައުންސިލް
10 ވަނަ، އަލިފުށީ ކައުންސިލް
11 ވަނަ، އިންނަމާދޫ ކައުންސިލް
12 ވަނަ، ރަސްމާދޫ ކައުންސިލް
13 ވަނަ، އިނގުރައިދޫ ކައުންސިލް

2016 އަދި 2017 ވަނަ އަހަރު ވާދޫ ކައުންސިލަށް ރ. އަތޮޅުގެ އެއް ވަނަ ލިބިފައިވެއެވެ.

އޭގެ ފަހުން ކައުންސިލްގެ ހިންގުން ވަރަށް ބޮޑަށް ދޯދިޔާ ވެފައިވާކަން ފާހަގަކުރެވެއެވެ.

ވާދޫ ކައުންސިލް ފާހަގަކުރެވެނީ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ލިބިގަތުމެއް ނެތި ރަށުގެ މުހިންމު ގިނަކަންކަން ނިންމާ ކައުންސިލެއްގެ ގޮތުގައެވެ.

މީގެ ކުރިން ރަނގަޅު ޕާފޯމަންސްއެއް ދެއްކި ނަމަވެސް ކައުންސިލްގެ ހިންގުން ދޯހަޅި ވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެ ކައުންސިލަށް އަމާޒުވެފައެވެ.

ނިމިދިޔަ ދައުރުތަކުގައި ވެސް ވާދޫ ކައުންސިލްގެ ރައީސް ކަމުގެ މަގާމުގައި ހުރީ މިހާރު ވެސް އެ މަގާމު ފުރުއްވަމުން ގެންދަވާ ހުސައިން އަލީއެވެ.

ހުސައިން އަލީ ހިމެނޭހެން މުޅި ކައުންސިލްގައި ތިއްބަވަނީ ޕީޕީއެމް އަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ.