ރ. އުނގޫފާރުގައި މިހާރު ކުރިއަށްދާ ރ. އަތޮޅު ހޭންޑްބޯލް މުބާރާތް 2023 ގައި ރ. އިނގުރައިދާ ކަޓުވާލުމަށްފަހު. ރ. ހުޅުދުއްފާރުން ފަައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

އަންގާރަ ދުވަހު އުނގޫފާރު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ހުޅުދުއްފާރުންވަނީ އިނގުރައިދޫ ކޮޅަށް 9 ގޯލް ޖަހާފައެވެ. އިނގުރައިދޫއަށް މިމެެޗުގައި ކާމިޔާބުކުރެވުނީ 3 ގޯލެވެ.

މި މެޗުގައި އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނުވަތަ ކްއީން އޮފް ދަ މެޗުގެ ލަގަބު ލިބިފައިވަނީ ހުޅުދުއްފާރުގެ ޖާޒީ ނަމްބަރު 9، އައިޝަތު ނަސްމާ އަށެވެ.

ފާހަގަކޮށްލަންޖެހޭ ގޮތުގައި، 04 ނޮވެމްބަރ 2023 ގައި ފެށި މިމުބާރާތުގެ އޯޕެނިން މެޗުތަކުގެ ތެރެއިން ދެވަނަ މެޗުގައި ރ. ހުޅުދުއްފާރުގެ ހޭންޑްބޯލް ޓީމުވަނީ ރ. އަނގޮޅިތީމާ ވާދަކޮށް ބަލިވެފައެވެ. ނަމަވެސް ދެން ކުޅުނު މެޗުގައި އެޓީމުންވަނީ މަޑުއްވަރީ ބަލިކޮށް އެޓީމު މުބާރާތުން ކަޓުވާލާފައެވެ.

ހުޅުދުއްފާރު ކަނބަލުންގެ މިންނެތް މަސައްކަތުން މުބާރާތަށް ނެރުނު މިޓީމުގެ މެނޭޖަރަކަށް ކައުންސިލްގެ މެމްބަރު ނުހާ ހުސައިން ހުންނެވިއިރު، ކޯޗުކަންކުރަނީ ޢަލީ މުސްތަފާ (އަލިބެ)އެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ގުރައިޝާ ފާރޫޤް ހަރަކާތްތެރިވާއިރު އަވަސް ފަރުވާ (ފަސްޓް އެއިޑް)ގެ ޚިދުމަތް ދެމުން އަންނަނީ އައިޝަތު އަޒްރާއެވެ.

މުބާރާތުގެ ފުރަތަމަ މެޗުން މޮޅުވި އިނގުރައިދޫ ކަޓާފައިމިވަނީ ކުޅުނު ދެވަނަ މެޗުގައި 13-7 ގެ ނަތީޖާއަކުން ރ. އަނގޮޅިތީމު ޓީމު އަތުންވެސް ބަލިވެފައިވާތީއެވެ.

ޖުމުލަ ހަތަރު ޓީމަކުން މިއަހަރު ވާދަކުރާ ރ. އަތޮޅުގެ ހޭންޑްބޯލް މުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އުނގޫފާރުގައެވެ.

މިމުބާރާތުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި، މުބާރާތަށް ޝައުގުވެރިކަން ފާޅުކޮށް ވާދަކުރަން ހުށަހެޅީ، ރ. އިނގުރައިދޫއާއި ރ. މަޑުއްވަރީގެ އިތުރުން ރ. ހުޅުދުއްފާރު އަދި ރ. އަނގޮޅިތީމުންނެވެ.