ރ. އަތޮޅު ފުޓްސަލް ޗެލެންޖު 2023 ގެ ގުރޫޕް ސްޓޭޖްގެ ހުރިހާ މެޗަކުން މޮޅުވެ ފަހުގެ ޗެމްޕިއަން ދުވާފަރު ސެމީއަށް ދަތުރުކޮށްފިއެވެ.
ރަސްމާދޫއާ ވާދަކުރި ގުރޫޕް ބީގެ ފަހު މެޗު 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ދުވާފަރުންވަނީ ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފައެވެ.
މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ދުވާފަރު ޓީމުގެ މުހައްމަދު އިސާމްއެވެ.
މިމުބާރާތުގައި ދުވާފަރު ކުޅުނު ފުރަތަަމަ މެޗުގައި 8-1 ގެ ނަތީޖާއަކުން އުނގޫފާރު އަތުން މޮޅުވެފައި ވާއިރު، ރަސްމާދޫ އިން އުނގޫފާރާއި ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރުން ސެމީގެ ފުރުސަތު ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
އަދި މިމެޗުން ބަލިވި ރަސްމާދޫއަށް ސެމީގެ ފުރުސަތު ލިބުނީ ލަނޑުގެ ތަފާތުން ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މި މުބާރާތުގެ ޗެންޕިއަން ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު މި މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި 7 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.
މިއަހަރުގެ މުބާރާތް އެންމެ ފުރަތަަމަ ބާއްވަން ނިންމީ ވެރިކަން ކުރާ ރަށް ރ. އުނގޫފާރުގައެވެ. ނަމަވެސް މުބާރަތް ފެށެން ކުޑަ ދުވަސްކޮޅަކަށްވެފައި ވަނިކޮށް އުނގޫފާރުން މުބާރާތް ބޭއްވެން ނެތްކަމަށް އެ ރަށު ކައުންސިލުން އެންގުމުން، އިންނަމާދޫގައި މުބާރާތް ބޭއްވުމަށް ނިންމީއެވެ. އިންނަމާދޫގައި މި މުބާރާތް ބާއްވަން ނިންމިއިރު މުބާރާތް ފެށުމަށް އޮތީ ގާތްގަނޑަކަށް ދެ ހަފްތާއެވެ.
ނަމަވެސް މިމުބާރާތް އިންނަމާދޫގައި ކުރިއަށްދާއިރު، އިންނަމާދޫއިން އޮތީ މިމުބާރާތަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަަމަ މެޗުގައި މިމަހުގެ 27 ވަނަ ދުވަހުގެ ހަވީރު 16:30 ގައި އިނގުރައިދޫ ނުކުންނާނީ ރަސްމާދޫ އާއި ދެކޮޅަށެވެ. އަދި ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެރޭ 20:00 ގައި އެންމެ ފަހުގެ ޗެމްޕިއަން ދުވާފަރުން ނުކުންނާނީ އަލިފުށީ ރެކްރިއޭޝަން ކުލަބާއި ދެކޮޅަށެވެ.
