މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރ. އަތޮޅު ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހުން ހައްޔަރުކޮށްފިއެވެ.


އެ ފަސް މީހުންގެ ތެރެއިން ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ މާކުރަތުންނެވެ. މާކުރަތުގައި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނަކާއި 30 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ. މި އެންމެންނަކީ ވެސް ދިވެހި ފިރިހެނުންނެވެ. މި ޖަނަވަރީ މަހުގެ 11 ވަނަ ދުވަހު އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މާކުރަތު ބަނދަރުމަތިން އެ ހަތަރު މީހުންނަށް ފުލުހުން ފެނުމުން އެމީހުން ގެންގުޅުނު ތަކެތި ވަނީ އުކައިލާފައެވެ. އެހެންކަމުން، ފުލުހުން އެތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.


މި މައްސަލައާ ގުޅިގެން އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މާކުރަތު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 34 އަހަރުގެ މީހާ ހަދުވަހަށް އަދި ދެންތިބި ތިންމީހުން ފަސްދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.


އޭގެ އިތުުރުން، ރ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. މި ހިނގާ ޖަނަވަރީ މަހުގެ 10ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ރިސޯޓުގައި އޭނާ ދިރިއުޅޭ ކޮޓަރި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅެއް ފެނިފައިވެއެވެ.


މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.


މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.