މިއަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލިފުށީ ދާއިރާގެ ގޮނޑިއަށް ޕީއެންސީގެ ފަރާތުން ކުރިމަތިލެއްވި ކެންޑިޑޭޓް އަބްދުއްލަޠީފް އަބްދުއްރަޙްމާން ކާމިޔާބު ހާސިލުކުރައްވައިފިއެވެ.

އަބްދުއްލަޠީފް، އަލިފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ އެ ދާއިރާގެ މިހާރުގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާ ވާދަކުރައްވައެވެ. އަލިފުށީ ދާއިރާގެ މެންބަރުކަން ދެ ދައުރު ކުރައްވާފައިވާ ބިގޭ ވަނީ ރ އަތޮޅުގެ މެންބަރު ކަން ވެސް ކުރައްވާފައެވެ.

އިތުރު ދައުރެއް ހޯއްދަވަން އިންތިހާބުގައި ވާދަކުރެއްވި ބިގޭ އަކީ އެމްޑީޕީގެ ޕީޖީ ގުރޫޕާއި ޕާޓީގައި ވެސް މިވަގުތު އެންމެ ސީނިއާ އެއް ބޭފުޅެވެ.

އަބްދުއްލަޠީފް އަކީ މަޖިލީހަށް އައު ނަމަވެސް އަލިފުށީގައި ސިޔާސީ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ.

އޭނާ ވަނީ އަލިފުށީ ކައުންސިލުގެ ރައީސްކަންވެސް ކުރައްވާފައެވެ.