ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށް ބުނެ، އިއްޔެވެސް މިއަދުވެސް ރައްޔިތުންގެ ކުންފުނި – އެމްޓީސީސީން ރ. އަތޮޅު ފެރީ ދަތުރުތައް ކެންސަލްކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީން ރ. އަތޮޅުގައި ދެ ރޫޓެއްގެ ފެރީ ދަތުރު ބާއްވައެވެ. އެއީ އަލިފުށީ-އުނގޫފާރު ރޫޓާއި މަޑުއްވަރީ-އުނގޫފާރު ރޫޓެވެ. މި ދެ ރޫޓުގެ ދަތުރުތައްވެސް އެމްޓީސީސީން ވަނީ އިއްޔެ އަދި މިއަދުވެސް ކެންސަލްކޮށްފައެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއެވެ.

އޭގެ ކުރިން މޫސުން ގޯސްވުމުގެ ސަބަބުން ”ހުއްޓާލި“ އަދި ”ނަސީބު“ ދޯނި ފެރީ ދަތުރުތައް ވަނީ ކެންސަލްކޮށްފައެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތް – އާރްޓީއެލް ލޯންޗު ފެރީގެ ޚިދުމަތުންވެސް މަހުރޫމުވެފައިވާ ރ. އަތޮޅުގެ ފެރީ ދަތުރުތައް ކެންސަލްވާ މައްސަލައަކީ އާންމުންގެ ކަންބޮޑުވުން ހުރި މައްސަލައެކެވެ.

މިކަމާ ގުޅިގެން، އެމްޓީސީސީގެ ޕީއާރް އޮފިޝަލާ ސުވާލުކުރުމުންވެސް ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. އެމްޓީސީސީން މައުލޫމާތު ހޯދަން ނޫސްވެރިން މިހާރު ޖެހެނީ އީމެއިލްގެ ޒަރިއްޔާއިން ހުށަހަޅަން ކަމަށާއި އެއީ ވެރިން އަންގާފައިވާ ގޮތް ކަމަށް މީގެ ކުރިން މައުލޫމާތެއް ސާފުކުރުމަށް ޕީއާރް އޮފިޝަލާ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް، އެ ގޮތަށް އީމެއިލް މެދުވެރިކޮށް ނޫސްވެރިޔާ ފޮނުވާ ސުވާލަށްވެސް ޖަވާބު ނުދެއްވާކަން ފާހަގަކުރެވެއެވެ.
މީގެ ކުރިން މީޑިއާތަކަށް ފޯނު ކޯލު މެދުވެރިކޮށް ނުވަތަ ޓެކްސްޓް މެސެޖުގެ ޒަރިއްޔާއިންވެސް އެމްޓީސީސީގެ ޕީއާރް އޮފިޝަލުން އައީ މައުލޫމާތު ދެއްވަމުންނެވެ. ސަރުކާރު ބަދަލުވެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވަނީ ކީއްވެ ކަމެއް ސާފެއް ނޫނެވެ.

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުގައި ފެރީ ދަތުރުތައް ކެންސަލްވާ މައްސަލައިގައި މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލްގެ ބައެއް މެމްބަރުންނާއި އިދާރީ މުވައްޒަފުންވެސް ކަންބޮޑުވުން ފާލުކުރައްވާފައިވެއެވެ.

ނަމަވެސް، ސަރުކާރު ބަދަލުވި ފަހުން އެފަދަ ކަންބޮޑުވުމެއް ފާޅުކުރައްވާތަން ނުފެނެއެވެ. ބެލެވޭ ގޮތުގައި، ނިސްބަތްވާ ކޯލިޝަނުން ވެރިކަންކުރާތީއެވެ.