ރ. ރަސްގެތީމު ކައުންސިލްގެ އައު އޮފީސް އިމާރާތް ރައީސުލްޖުމްހޫރިއްޔާ ޑރ.މު ޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

ކައުންސިލްގެ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ރ. އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން ރަސްގެތީމަށް ވަޑައިގެންނެވެ.

ރަސްގެތީމު އައު ކައުންސިލް އިމާރާތް ކުރަން ފެށީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ޕީއެސްއައިޕީ ބަޖެޓުގެ ދަށުން 2023ވަނަ އަހަރުއެވެ.

ރަސްގެތީމު ކައުންސިލްގެ ރައީސް މުޙައްމަދު ފަޠީން ވިދާޅުވީ އައު އޮފީސް އިމާރާތެއް އަޅަން ޖެހުނީ، ކުރިން ބޭނުންކުރި ކައުންސިލް އިދާރާގެ އިމާރާތް، ބާވެ ހަލާކުވުމާ ގުޅިގެން އެ އިމާރާތުގައި މަސައްކަތް ކުރަން ތިބެވެން ނެތުމުންކަމަށެވެ. އެހެންކަމުން ކައުންސިލްގެ މަސައްކަތް ކުރަމުން އައިސްފައިވަނީ އެރަށުން ތަނެއް ކުއްޔަށް ނަގައިގެންކަމަށް ފަޠީން ވިދާޅުވިއެވެ. އަދި އައު އިމާރާތާއެކު ޖާގައިގެ ތަނަވަސްކަން ލިބި، މިހާރު ކައުންސިލަރުންގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އޮތް ދަތިކަމަށް ޙައްލު ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލްތަކަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ޙައްލުކުރުމަށް އިސްކަމެއް ދެއްވައިގެން މިސަރުކާރުންވެސް ވަނީ ޚާއްސަ މަސައްކަތްތަކެއް ފައްޓަވާފައެވެ.

އެގޮތުން މިހާތަނަށް ވަނީ 105 ރަށެއްގައި ކައުންސިލް އައު އިމާރާތް އަޅަން ނިންމަވާ، އެ ރަށްތައް އިޢުލާންކުރައްވާފައެވެ.

އަދި 55 ރަށުގެ ކައުންސިލްގެ އިމާރާތް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކާ މިހާރު ވަނީ ހަވާލުކުރައްވާފައެވެ. ސަރުކާރުގެ ޢަމާޒަކީ މިދައުރު ނިމޭއިރު، ކައުންސިލްތަކުގެ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމެވެ.