އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، ގިނަ ބަޔަކު ނުކުމެ، މި އަހަރު ވެސް ރ. ވާދޫގައި ރޯދައަށް ކާށި ހޮވައިފިއެވެ.
މި ގޮތުން ވާދޫ ވަލުތެރެ އާއި ރަށުގެ އެކި ސަރަހައްދުތަަކުން 2 ގަޑި އިރެއްހާ އިރު ތެރޭ ގިނަ އަދަދެއްގެ ކާށި ވަނީ ހޮވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކާށި ނެރުަމަށް މި އަހަރު ރެކޯޑް އަދަދަކަށް ރައްޔިތުން ނުކުމެފައި ވެއެވެ.
ކާށި ހޮވުމުގައި ބައިވެރިވާން ބޭނުންވި މީހުން މިދިޔަ ހުކުރު ދުވަހުގެ މެންދުރުފަހު 2:00އަށް ވަނީ ރަށުގެ ޗާނދަނީމަގުގެ ދެކުނުކޮޅަށް ޖަމާވެފައެވެ.
ކާށި ހޮވުމުގައި ބައިވެރިވި އެންމެންވެސް ކާށި ބައި އެޅުމުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ.
ކާށި ހޮވަން ނުކުތް މީހުންގެ މެދުގައި ހަމަހަމައަށް ބެހުމަށްފަހު، ބާކީވި ކާށި ވިޔަފާރި އުސޫލުން ރ. ވާދޫ ކައުންސިލުން ކަނޑައަޅާފައިވާ އަގުގައި ގަތުމަށް ނަންނޯޓުކުރުން މިއަދުގެ މެންދުރާ ހަމައަށް ކުރިއަށް ދިޔައެވެ.
މިއަހަރު ކަނޑައެޅި ކާއްޓެއްގެ އަގަކީ 2 ރުފިޔާއެވެ.
މިއީ ވާދޫގައި ޒަމާނުން ސުރެ ރޯދަޔާ ދިމާކޮށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
ފޮޓޯ: ވާދޫ ރައްޔިތުން ރޯދައަށް ކާށިހޮވުން؛ ތަރުތީބު ނަމޫނާ ހަރަކާތެއް
