ރ. ދުވާފަރުގެ ހާއްސަ ކެއުމެއް ކަމަށްވާ ހުތްމަސްކާށި — ފޮޓޯ: އަދަދު
މިއީ އިހުޒަމާނުއްސުރެ ދިވެހިންގެ ސުފުރާތައް ފަޅުފިލުވައިދެމުންދާ ފަސޭހައިން ތައްޔާރު ކޮށްލެވޭ މީރު ކާނާއެކެވެ. ރޯދަ ވީއްލުމަށާއި ހާރުދަމަށްވެސް ބޭނުން ކުރެވޭނެ ލުއި ކެއުމެކެވެ. ހުތްމަސްކާށްޓާއެކު ފެންފޮޅި، ރޮށި ނުވަތަ ބަތް ކެވިދާނެއެވެ. 2004 ގެ ސުނާމީގެ ކުރިން ނަމަ ހުތްމަސްކާށި ހެދުމުގައި އެންމެ މަޝްހޫރު ރަށަކީ ރ. ކަނދޮޅުދޫއެވެ. މިހާރު ނަމަ ރ. ދުވާފަރެވެ.
ބޭނުންވާ ތަކެތި
2 ކާށި (ކާށި އުކުރައިފަ)
1 ދަޅު މަސް
1 ވަޅޯ މަސްގަނޑު (ތުނިކޮށް ކޮށައިފާ)
2 ފިޔާ (ތުނިކޮށް ކޮށާއިފަ)
1 ގިތެޔޮ މިރުސް (ތުނިކޮށް ކޮށައިފާ)
6 ހިކި މިރުސް (ދަވާފައި)
1 ޖޯޑު ފެން
1 ލުނބޯހުތް
ލޮނު، އަސޭމިރުސް (ރަހަލާވަރަށް)
ތައްޔާރުކުރާނެ ގޮތް
ކޮށާފައި ހުރި މަސްކޮޅާއި މަސްދަޅު އަދި އުކުރާފައި ހުރި ކާށިކޮޅާއި އެކު ރަނގަޅަށް މޮޑެލާށެވެ. ފިޔާ،ގިތެޔޮމިރުސް،ހިކިމިރުސް އަދި ލޮނުކޮޅު އެއްކުރުމަށްފަހު ފެންފޮދެއް އަޅައި ރަނގަޅަށް މޮޑެލާށެވެ. ދެން ރަހަލާވަރަށް އަސޭމިރުސް އެޅުމަށް ފަހު ލުނބޯހުތް ފެލައިލުމަށްފަހު އެއްކޮށް މޮޑެލާށެވެ.
