އާންމު އުނދަގުލަކަށްވެ ރައްޔިތުންގެ އެދުމަށް ރ. އިނގުރައިދޫގައި އުޅޭ ބުޅާތައް އެރަށުން ބޭރުކުރުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ.

މިކަމާ ގުޅިގެން މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލުން ވަނީ، ރައްކާތެރި ގޮތުގައި 300 ބުޅާ ހިފައިދޭނޭ ފަރާތެއް ހޯދުމަށް ދިވެހި ސަރުކާރުގެ ގެޒެޓްގައި އިއުލާނުކޮށްފައެވެ. އިނގުރައިދޫ ކައުންސިލުން ކުރި އިއުލާނުގައި ބުނެފައިވަނީ، އެރަށުގައި އުޅޭ ބުޅާތައް، ރައްކާތެރިގޮތުގައި ހިފައި، ފަޅުރަށަކަށް ގެންގޮސްދޭނެ ފަރާތެއް ބޭނުންވާކަމަށެވެ.

އެ ބުޅާތައް ގެންދިއުމަށް ނިންމާފައިވަނީ، އެއްވެސް ރަށެއްގެ އިހްތިސާސްގެ ތެރޭގައި ނުހިމެނޭ ފަޅުރަށަކަށެވެ.

އިނގުރައިދޫ ކައުންސިލުން ބުނީ އެރަށުގައި އުޅޭ ބުޅާތައް ހިފައި އެހެން ރަށަކަށް ގެންދިއުމަށް ނިންމީ، މިހާރަކަށް އައިސް އެރަށުގައި އާންމުންނަށް އުނދަގޫވާވަރަށް ބުޅާ ގިނަވެ، ބުޅާ މަދުކުރުމަށް ރައްޔިތުންގެ ފަރާތުން އެދިފައިވާތީކަމަށެވެ.

އިނގުރައިދޫ ކައުންސިލުން ބުނީ، މި މަސައްކަތް ކުރަންވާނީ ބުޅަލަށް އެންމެ ރައްކާތެރި ގޮތަށްކަމަށާއި، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިހިނގާ އޭޕްރިލްމަހުގެ 27 ވާ އާދިއްތަ ދުވަހުގެ ކުރިން އިނގުރައިދޫ ކައުންސިލް އިދާރާއަށް ކޯޓޭޝަން ހުށަހެޅުމަށް އެދޭކަމަށެވެ. އަގު ހުށަހަޅަން ޖެހޭނީ 300 ބުޅާ ހިފައިދޭ އަގަށްކަމަށްވެސް ކައުންސިލުން ބުންޏެވެ.