ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގަައުމީ އިދާރާ – މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.
ދިޔަވަރު ބޮޑު ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭތީ ހުރިހާފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
މިހާރު ހިނގަމުން މިދަނީ ހުޅަނގުމޫސުމުގެ ހަ ވަނަ ނަކަތެވެ. މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށް ހުޅަނގު މޫސުމުގެ ”އަދަ“ ދެމިގެންދާނެއެވެ.
މި ނަކަތުގައި ވައި ޖެހޭނީ ހުޅަނގު ދެކުނުންނެވެ. އަދި މި ނަކަތުގައި ކޮންމެވެސް ވަރަކަށް ވިއްސާރައިގެ އަސަރު ކުރާނެއެވެ.
މި ނަކަތުގައި ކުރާނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. އަދި މި ނަކަތުގެ ދުވަސްވަރު އާންމު ގޮތެއްގައި ވައި ގަދަވެފައި ކަނޑުވެސް ގަދަ ވާނެއެވެ.
8 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު ’ރޭވަ‘ ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
