މާޅޮސްމަޑުލު އުތުރުބުނީ އަތޮޅު ކައުންސިލުން ރ. އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން ސިލްސިލާކޮށް ބާއްވަމުން އަންނަ އަރުތަ ހޭންޑްބޯޅަ މުބާރާތުގެ މިއަހަރުގެ މުބާރާތުގެ ފައިނަލުގައި މިއަދު ރ. މަޑުއްވަރީއާއި ރ. ދުވާފަރު ބައްދަލުކުރާނެއެވެ.

އެމްޑަބްލިޔުއެސްސީ އަރުތަ ހޭންޑްބޯޅަ މުބާރާތް 2025ގެ ފައިނަލް މެޗް އޮންނާނީ، މުބާރާތް ކުރިއަށްދާ ރ. ހުޅުދުއްފާރުގައި މިއަދު ހަވީރު 4:00 ގައެވެ.

މިމުބާރާތުގެ ސެމީ ފައިނަލްގެ ދެ މެޗް ބުރާސްފަތި ދުވަހު ކުޅެފައިވާއިރު ފުރަތަމަ މެޗްގައި ބައްދަލުކުރީ ރ. އިނގުރައިދޫއާއި ރ. ދުވާފަރެވެ. މި މެޗް 14 – 10 އިން ކާމިޔާބު ކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރސްއަޕް ދުވާފަރުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ދުވާފަރު ޓީމުގެ ތަރި އީނާ އަޙްމަދެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ކުޅުނީ ރ. މަޑުއްވަރީ އާއި ރ. ކިިނޮޅަސްއެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންއާ ވާދަކޮށް މި މެޗް މަޑުއްވަރީ ޓީމުން ކާމިޔާބު ކުރީ 16 – 9ގެ ނަތީޖާއަކުންނެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މަޑުއްވަރީ ޓީމްގެ ތަރި އާމިނަތު ސަހިރާއެވެ.