ރ. ދުވާފަރުގައި މިއަހަރު ނިމުމުގެ ކުރިން ތެޔޮއަޅާތަނެއް ގާއިމުކުރާނެކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ދުވާފަރު ދާއިރާގެ މެމްބަރު މުޙައްމަދު ޢަލީ ދެއްވައިފިއެވެ.

މެމްބަރު މުޙައްމަދު ޢަލީ ވިދާލުވީ، ދުވާފަރުގައި އެފްއެސްއެމް [ފިއުލް ސަޕްލައި މޯލްޑިވްސް]އިން އަޅާ ފެޓްރޯލް-ޑީސަލް ޝެޑުގެ ޢަމަލީ މަސައްކަތް ދާދި އަވަހަށް ފެށިގެން ދާނެ ކަމަށެވެ.

މިގޮތުން މި މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާ ޚިދުމަތް ފެށިގެންދާނެކަމުގެ ޔަގީންކަން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެތަނުން އެސްޓީއޯ ރޭޓުގައި ފެޓްރޯލް-ޑީސަލް ލިބިގެންދާނެއެވެ.

2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ފިއުލް ސެޓަޕް ގާއިމުކޮށް، މަސްވެރިންނާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ ނިޒާމު ގާއިމުކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ.

މަސްވެރިންނަށް ފަސޭހައިން ތެޔޮ ލިބޭނެ މަގުފަހި ކުރުމަށް މިދިޔަ އަހަރުގެ ޖަނަވަރީ މަހު ހުޅުމާލޭގައި ވަނީ ސެޓަޕްއެއް ގާއިމުކޮށްފައެވެ. އަދި ޅ. ފެލިވަރާއި ގއ. ކޫއްޑޫގައި ހުންނަ އެފްއެސްއެމް ޝެޑުން ހެޔޮ އަގުގައި ދަނީ ތެޔޮ ފޯރުކޮށްދެމުންނެވެ.

މީގެ އިތުރުން، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ފ. ނިލަންދޫ، ގދ. ފަރެސްމާތޮޑާ އަދި ފުވައްމުލައް ސިޓީގައި ސެޓަޕް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ތެލަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ކަނޑައަޅުއްވައި، މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަދުވެގެން ކޮންމެ އަތޮޅަކުން އެއް ރަށުން އެސްޓީއޯ ރޭޓުގައި ތެޔޮ ފޯރުކޮށްދޭ ނިޒާމެއް ގާއިމުކުރުމަކީ ރައީސްގެ ރިޔާސީ ވައުދެއްކަން ފާހަގަކުރައްވާފައެވެ.

މަސްވެރި ސިނާއަތުގައި މިހާތަނަށް އޮތް ވަގުތީ ހައްލު ހޯދުމުގެ ސަގާފަތް ނައްތާލައި، ދާއިމީ ހައްލު ހޯދައިދިނުމުގެ ތަސައްވުރެއް ރައީސް ގެންގުޅުއްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ވިދާޅުވީ މި ސަރުކާރުގެ ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަކީ އަމާޒެއް ކަމަށެވެ.