މާލޭގެ ގެއަކުން އެއްލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސް (ދިވެހި ފުލުހުންގެ ޚިދުމަތް)ން ބުނެފިއެވެ.
ފުލުހުން ބުނީ މާލެ، މައްޗަންގޯޅި ގެއެއްގެ ތިޖޫރީއެއް ވަަގަށްނަގާފައިވާ މައްސަލަ ޖޫން މަހުގެ 30 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޢުމުރުން 39 އަހަރުގެ އިސްމާޢީލް ސާއިފް ރ. އަލިފުށި / ހަބީބީހެޕް، ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން، ތަޙްޤީޤުގެ ތެރެއިން ސީސީޓީވީ ފުޓޭޖު ބަލައި ދެނެގަނެ، އެ ތިޖޫރީ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ޖުލައި 1 2025 ވަނަ ދުވަހު 11:05 އެހައިކަންހާއިރު މާވެޔޮ މަގުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު، ތިޖޫރީން އޭނާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ ފައިސާތަކާއި އޭގެ ތެރެއިން ބައެއް ފައިސާއިން އޭނާ ގަނެފައިވާކަމަށް ބެލެވޭ މޯބައިލް ފޯނެއް ފެނިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.
ފުލުހުން މި މައްސަލަ ގެންދަނީ ތަޙްޤީޤު ކުރަމުން ކަމުގައިވެސް ބުނެފައިވެއެވެ.
