ޖޫން 26 ވަނަ ދުވަހުގެ ރޭ ރ. ފައިނުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވެ ސީރިއަސް އަނިޔާ ލިބިގެން އިތުރުފަރުވާއަށް މާލެ ގެނައި 3 މީހުންނަށްވެސް މިހާރު ފަރުވާ ދެމުން އަންނަނީ ވޯޑުގައި ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެފިއެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލް – އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފައިނުގައި އެކްސިޑެންޓްވެގެން ގެނައި 18 އަހަރުން ދަށުގެ 2 ކުދިންނާއި އަދި 49 އަހަރުގެ ފިރިހެން މީހާވެސް މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައި ކަމަށެވެ.

އެކްސިޑެންޓް ހިނގީ 18 އަަހަރުން ދަށުގެ ކުއްޖަކާއި ފައިނު ސްކޫލުގެ ދަރިވަރަކު ދުއްވި ސައިކަލަކުން، ކަސްރަތަށް މަގުމަތީގައި ހިނގަން އުޅުނު ރަށު ސްކޫލުގެ ޕްރިންސިޕަލާއި ޓީޗަރެއްގެ ގައިގައި ޖެހިގެންނެވެ.

ފައިނު ސިއްހީ މަރުކަޒުގައި އެ ހަތަރު މީހުންނަށް ފަރުވާދިނުމަށް ފަހު އެންމެ ފުރަތަމަ ގެންދިޔައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށެެވެ.

އެކަމަކު ވިދިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭގެ ތެރެއިން ތިން މީހަކު އިތުރު ފަރުވާއަށް މާލެ ގެނައެވެ.

އެއްވެސް މީހަކަށް ލިބިފައިވާ އަނިޔާގެ ތަފްޞީލެއް މީޑިއާ އޮފިޝަލް ވިދާޅެއް ނުވެއެވެ.