މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އުތުރުގެ އަތޮޅުތަކަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
ހުދު ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ޅ.އަތޮޅާ ހަމައަށެވެ. މިއެލަރޓް ނެރެފައިވަނީ މިރޭގެ 20:00އާ ހަމައަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މި ސަރަޙައްދުތައް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށާ، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އުތުރަށް ކެރީގެ އަސަރުކުރިނަމަވެސް، މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް އާއްމުގޮތެއްގައި މޫސުން ރަނގަޅުވާނެއެވެ. އާއްމުގޮތެއްގައި ވައި ޖެހޭނީ 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ. ކަނޑުތައްވެސް އާދައިގެވަރަކަށް މަޑުވާނެއެވެ.
ހުޅަނގު މޫސުމުގެ ހަ ވަނަ ނަކަތް ކަމުގައިވާ ”އަދަ“ ނަކަތް ނިމި، ހަތްވަނަ ނަކަތް ”ފުނޯސް“ މިވަނީ ފެށިފައެވެ.
ޖުލައި 1ގައި ފެށިގެން މިހިނގާ ނަކަތުގައި އާންމު ގޮތެއްގައި ކަނޑުތައް ގަދަވާނެއެވެ.
މި ނަކަތުގައި އެވްރެޖްކޮށް ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 10ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 18.52 ކިލޯމީޓަރެވެ. ފާއިތުވި ނަކަތަށް ވުރެ ނަކަތުގައި މަސްވެރިކަން ދަށްވާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް، މި ނަކަތުގައި މަސްވެރިކަން އާދައިގެ ވަރަކަށް ކުރެވޭނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު ’ރޭވަ‘ ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.
