ރ. ވާދޫއަށް ޒިޔާރަތްކުރާ މީހުންގެ ދުލުން އަބަދުވެސް ބުނާ ވާހަކައެއް އޮވެއެވެ. މިއީ އީޖާދީ ވިސްނުން ގެންގުޅޭ ވަރަށް ތަހުޒީބަށް ލޯބިކުރާ ރައްޔިތަކު ދިރިއުޅޭ ރަށެކެވެ. ސާފުތާހިރު، ހިތްފަސޭހަ ރަށެކެވެ. ތަރުތީބާއި ބިނާކުރުވަނިވި ވިސްނުމުގެ ވެރި ބަޔަކު އުޅޭ ރަށެކެވެ.
މީގެ ފަސް ވަރަކަށް އަހަރުކުރިން، ތައުލީމީ ދާއިރާގެ ޚިދުމަތްތެރިޔާ ފަޒީ އަބްދުލް ޤަފޫރު އޭނާގެ ސޯޝަލްމީޑިއާއަށް ދޫކޮށްލި ފޮޓޯގެ ފަހަތުގައިވެސް ވަނީ ހަމަ މިވާހަކަތަކެވެ. ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން ކުންފުނި ދިވެހިރާއްޖޭގެ ގުޅުން (ދިރާގު)ގެ ފޯނުބޫތު ޒަމާނުގައި، ވާދޫގައި ބަހައްޓާފައިވާ ފޯނުބޫތު މިހާރުވެސް ހަލާކުނުކޮށް، ހިމާޔަތްދީފައި ބަހައްޓާފައި އެބަ ހުއްޓެވެ. އެ ބޫތުގައި ފޯނު ކަންފަތުގައި ޖަހައިގެން ފަޒީ ނެގި ފޮޓޯ، ސޯޝަލްމީޑިއާގައި ވައިރަލްވެސް ވިއެވެ.
އެއާއެކު ފަޒީ މިވަނީ އެ ފޮޓޯގެ ފަހަތުގައިވާ ވަރަށް މުހިންމު ވާހަކައެއް ސޯޝަލްމީޑިއާ ޕޯސްޓެއްގައި ހިއްސާކޮށްފައެވެ. ޕޯސްޓު ފަށަމުން އޭނާ ލިޔެފައި ވަނީ، އެއީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ރ. ވާދޫއަށް ކުރި ދަތުރަކު ނަގާފަ ފޭސްބުކަށްލީ ފޮޓޯއެއް ކަމަށެވެ.
އޭނާއަކީ ބޫތުގައި މާފޮޅުވިޖީލު މީހަކަށް ވިޔަސް އެއީ ފަޒީ ކޮށް އުޅުނުކަމެއް ނޫން ކަމަށް މަޖާޒީ ގޮތެއްގައި އޭނާ ވަނީ ބުނެފައެވެ. އޭނާ ލިޔެފައިވާ ގޮތުގައި، އެހެން ނަމަވެސް ބޫތެއް ފެނުނީމައި އޭރު ކުދިން އުޅުނު ގޮތް ފެނިފައި ހުރީމައި އެގޮތަށް ފޮަޓޯއެއް ނަގާލީއެވެ.
”މިފޮޓޯއިން ކިޔައިދޭ އަނެއްވާހަކަ އަކީ ރ. ވާދޫ ރައްޔިރުންގެ ތަހުޒީބު ވިސްނުން. ބޭނުން ނުކުރާތާ އެތަކެއް އަހަރެއް ފާއިތުވެގެން ދިޔައިރުވެސް ފޯނުބޫތު އެގޮތުގައި ގެއްލުމެއްނުދީ ހުރިކަން ރަމްޒުކޮށްދެނީ ފަނާކުރަނިވި ވިސްނުން ދުރު ކަމާއި ބިނާކުރުމުގެ ވިސްނުންހުރި ރައްޔިތުން އުޅޭ ރަށެއްކަން. އަދި ރައްޔިތުން ރަށުގެ ހަނދާނީ ބިނާތަކާއި ތަކެއްޗައް ކުރާގަދަރު ފެނިގެންދޭ.“ ފަޒީގެ ޕޯސްޓުގައި ވާދޫއާއި ވާދޫގެ ރައްޔިތުން ސިފަކުރި ގޮތަކީ މިއެވެ.
އޭނާ ބުނީ ރަށުގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް، ވާދޫއަށް ޒިޔާރަތްކުރާ ކޮންމެ ފަރާތަކަަށްވެސް މިރަށުގެ ރައްޔިތުންގެ ތަނަވަސް ތަހުޒީބީ ވިސްނުމާއި ކުޅަދާނަކަން ފެނިގެން ދާނެ ކަމަށެވެ.
ފަޒީގެ ޕޯސްޓު ނިންމާލާފައި ވަނީ ވަރަށް މުހިންމު މެސެޖަކުންނެވެ. އެއީ ތަރައްގީއާއި ތަހުޒީބު ގުޅިފައިވަނީ އާބާދީއަށް ނޫންކަމެވެ.
ވާދޫއަކީ ރާއްޖޭގެ އުތުރުގެ ސަރަޙައްދުގައި އޮންނަ ރ. އަތޮޅުގައި މީހުން ދިރިއުޅޭ ދެވަނަ ރަށެވެ. އަތޮޅުގެ އެންމެ ބޮޑު ފަޅުގެ ތެރޭގައި ހިމެނޭ މި ރަށުގެ ފަޅަކީ އަޑިފަޅުގަނޑަކާއި، ފުން ވިލެއް އޮތް ފަޅެކެވެ.
626 މީހުންގެ އާބާދީއެއް އޮންނަ މި ރަށުގެ ދިރިއުޅުމަށް އެންމެ ބޮޑަށް ބަރޯސާވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މައްޗަށެވެ.
