ރ. ވާދޫގައި ޓޫރިސްޓް ހޮޓެލް ޕްރޮޖެކްޓެއް ނިންމަން އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑުން، ރ. ވާދޫ ކައުންސިލާއެކު އެއްބަސްވި ތާރީޚު ފަހަނައަޅައި އެއް އަހަރާއި ދިހަ މަހާއި ހަތް ދުވަސް ފާއިތުވެދިޔަ ނަމަވެސް އަމަލީ މަސައްކަތް ނުފެށުނެވެ.

ވާދޫގެ ފަތުރުވެރިކަމުގެ މަޝްރޫޢު އެންމެ ފުރަތަމަ ހަވާލުކުރީ ދިވެހި ކުންފުންޏެއް ކަމަށްވާ ފާލަން ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 2016 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ. އެކުންފުންޏަށް އެކަން ނުވުމުން، އެއްބަސްވުމަށް ބަދަލު ގެނެސް، އެބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކުރުމުގެ މަސައްކަތް ސިންގަޕޫރުގެ އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހުގައެވެ.

މިމަޝްރޫއު ހިންގުމަށް ވާދޫ ކައުންސިލާއި އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ރ. ވާދޫ ލައިވްއަށްވަނީ ލިބިފައެވެ.

އެ އެއްބަސްވުމުގައި ބުނާގޮތުން، އެންމެ ލަސްވެގެންވެސް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހަށް ޓޫރިސްޓު ހޮޓެލްގެ އަމަލީ މަސައްކަތް ނިންމަން ޖެހެއެވެ. ޑިވެލޮޕްމަންޓް ކޮންސެޕްޓާ އެއްގޮތަށް ސިޓީ ހޮޓެލްގެ މަސައްކަތް ނިންމަން، އެ ތާރީޚަށްވުރެ (2 ސެޕްޓެމްބަރު 2023 އަށްވުރެ)، ލަސްވެގެން ނުވާނެ ކަމަށް އެއްބަސްވުމުގެ 7 ވަނަ މާއްދާ (ކޮންސްޓްރަކްޝަން ޕީރިއެޑް)ގައި ވަރަށް ސާފުކޮށް ބުނެފައިވެއެވެ.

ވާދޫ ސިޓީ ހޮޓެލް އެއްބަސްވުމުގެ ބޭރުގަނޑު

ވާދޫ ކައުންސިލާއި އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ii)ގައި ވަނީ، 2 ސެޕްޓެމްބަރު 2023)ގެ ކުރިން މަސައްކަތް ނުނިންމިއްޖެ ނަމަ (ii)ގެ (a)ގައިވާ ”ގެއްލުމުގެ ބަދަލުހޯދުން“ ނުވަތަ (b)ގައިވާ ”އެއްބަސްވުން އުވާލުން“، މިތަނުން ފިޔަވަޅެއް އެޅުން، ނުވަތަ ދެ ފިޔަވަޅު އެއް ފަހަރާ އެޅުމުގެ އިހުތިޔާރު ވާދޫ ކައުންސިލަށް ލިބިގެންވާ ކަމަށެވެ.

އެހެންނަމަވެސް، އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (iii) ގައިވަނީ އެ ފިޔަވަޅުތައް އެޅުމަށް އިސްތިސްނާ ހާލަތްތަކެއް ބަޔާންކޮށްފައެވެ.

އެގޮތުން، ހަނގުރާމަ، ދާޚިލީ ހަނގުރާމަ، ދާޚިލީ ހަމަނުޖެހުން، ތޫފާން، ފެންބޮޑުވުން، ޢާލަމީވަބާ/ ބަލިމަޑުކަން، ނުރައްކާތެރި އެކްސިޑެންޓް ނުވަތަ މިނޫންވެސް އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑަށް ބާރު ނުފޯރުވޭ ފަދަ ހާދިސާއެއް ނުވަތަ ގުދުރަތީ ކާރިސާއެއްގެ ހާލަތު މެދުވެރިވެގެން މަސައްކަތް ތާރީޚަށް ނުނިންމިއްޖެ ނަމަ ފިޔަވަޅު އެޅުމުން އިސްތިސްނާވާނެ ކަމަށްވަނީ ބުނެފައެވެ.

7 ވަނަ މާއްދާގެ (iv)ގައި ބުނެފައިވަނީ, 7 ވަނަ މާއްދާގެ (iii)ގައި ބަޔާންކޮށްފައިވާ ހާލަތެއް މެދުވެރިވެގެން ”ކޮންސްޓްރަކްޝަން ޕީރިއަޑް“ގައި މަސައްކަތް ނުނިންމޭ ކަމަށްވާ ނަމަ، ސަބަބާއެކު އެކަން ވާދޫ ކައުންސިލަށް އަންގަންޖެހޭނެ ކަމަށެވެ. އަދި 2 ސެޕްޓެމްބަރު 2023ގެ ކުރިން، މުއްދަތު އިތުރުކޮށްދިނުމަށް އެދި ލިޔުމުން ވާދޫ ކައުންސިލްގައި އެދެންވާނެ ކަމަށެވެ.

އެންމެ ލަސްވެގެން 2 ސެޕްޓެމްބަރު 2023ގެ ނިޔަލަށް ނިންމަންޖެހޭ ގޮތަށް އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް މިހާތަނަށް އައިއިރު ފަށާފައިނުވެއެވެ.

ސިޓީ ހޮޓެލް މަޝްރޫއު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު

29 ނޮވެމްބަރ 2023ގައި ރ. ވާދޫ ލައިވްއަށް މައުލޫމާތު ދެއްވަމުން، ވާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ އަޙުމަދު ޒިޔާައު ވިދާޅުވެފައި ވަނީ، މަސައްކަތް ނިންމަންޖެހޭ ތާރީޚަށް މަސައްކަތް ނިންމިފައި ނުވާ ސަބަބާއެކު، އެކުންފުނިން މުއްދަތު އިތުރުކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. ޒިޔާއު ވިދާޅުވީ، އެހެންވެ, މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ލަފައަކަށްވެސް އެދިފައިވާ ކަަމަށާއި އެމް-20 ހޮސްޕިޓަލިޓީ ވެންޗަރސް ޕްރައިވެޓް ލިމިޓެޑާއެކު ވާދޫ ކައުންސިލުން ބައްދަލުވުމެއްވެސް ބާއްވާފައިވާ ކަމަށެވެ.

ވާދޫ ކައުންސިލްގެ ވިސްނުން ހުރީ އިތުރު މުހުލަތެއްދޭ ގޮތަށް ކަމަށް ކަމަށް އޭރު ޒިޔާއު ވިދާޅުވި ނަމަވެސް، އެ ކުންފުންޏަށް އިތުރަށް މުހުލަތެއް ދިން ކަމެއް ނޫން ކަމެއް ސާފެއް ނޫނެވެ. އަދި އިތުރު މައުލޫމާތު ހޯދަން ކުރި މަސައްކަތް ކާމިޔާބުވެފައެއްނުވެއެވެ.

ވާދޫގެ އުތުރު ފަރާތުން ދޫކޮށްފައިވާ ބިން ތަރައްގީކުރަނީ ހަތަރު ތަރީގެ ފެންވަރަށެވެ.

ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަގުބަލު އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލްއަޤުވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.


އެޑިޓަރ އިން ޗީފްގެ ނޯޓު:

ރ. ވާދޫ ކައުންސިލަށް، ފޯނުން ގުޅައިގެން ނުވަތަ މެސެޖުކޮށްގެން، މައުލޫމާތު ލިބުމުގެ އަލިމަގެއް ނުފެނުމުން، މި ރިޕޯޓަށް މައުލޫމާތު ހޯދަން، 2025، ޖުލައި 16 ވަނަ ދުވަހުގެ 17:57 ގައި މިނޫހުން ވާނީ މާޅޮސްމަޑުލު އުތުރުބުރީ ވާދޫ ކައުންސިލަށް ސިޓީއެއް ވެސް ފޮނުވާފައެވެ. ނަމަވެސް މިރިޕޯޓް ޝާއިއުކުރުމާ ހަމަައަށް ރ. ވާދޫ ލައިވްގެ ސިޓީ ނަމްބަރ 2025-06 އަށް ޖަވާބު ލިބިފައެއް ނުވެއެވެ. އެހެންކަމުން، މައުލޫމާތު ހޯދާލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް 2025 ޖުލައި 26 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރގެ އޮފީހުގައި އެދިފައިވާނެއެވެ.