ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޙަމާސްއިން ދިން ރައްދު ހަމަލާއެއްގައި އިސްރާއީލުން ބޭނުންކުރާ އެންމެ ޒަމާނީ ބަރު ހަތިޔާރުތަކުން ޓޭންކެއް ގޮއްވާލައިފިއެވެ.
މުޖާހިދުންގެ މިހަމާލާގައި އިސްރާއީލުގެ ތިން ޓެރަރިސްޓު ސިފައިން މަރުވެ، ޓޭންކު ވަނީ ސުންނާފަތިވެފައެވެ.
އިސްރާއީލުން ބޭނުންކުރާ ބަރު ހަތިޔާރުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މަރްކަވާ – 4 މަރުކާގެ ޓޭންކެވެ.
މި ހަމަލާދީފައި މިވަނީ އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިންނާއި ސަލާމަތީ ބާރުތަކުން ފަލަސްޠީނުގެ ރައްޔިތުން ޝަހީދުކުރުމާއި ދުއްތުރާކުރުން ވަރުގަދަކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އދ.އިން ބުނާ ގޮތުގައި، މިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔަހޫދީން ވަނީ، ހުޅަނގު އައްސޭރީގައި ދިރިއުޅޭ 40،000 އަށް ވުރެ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރު ގެއްލުވާލައިފައެވެ.
ހުޅަނގު އައްސޭރިއަކީ ޒަޔަނިސްޓުންގެ އިސްރާއީލާއި އުރުދުނާ ދެމެދުގައި އޮތް 5,600އެއްހާ އަކަ ކިލޯމީޓަރުގެ ފަލަސްޠީނުގެ ބިމެކެވެ. ނަމަވެސް، 1967ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައަށް ފަހު ޔަހޫދީން ވަނީ އެ ބިމަށް ވެރިވެގަނެފައެވެ. އަދި، ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ދަނީ ހުޅަނގު އައްސޭރީގެ ބިންތައް ފޮތިފޮތިކޮށް، އިތުރު ބިންތަކަށް އަތްގަދަ ކުރަމުންނެވެ. އަދި، އެ ތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވަމުންނެވެ. އެ ބިމުގައި ދިރިއުޅޭ މުސްލިމުންގެ މައްޗަށް ޔަހޫދީން ދަނީ އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ.
