އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ އެހީދޭ ތަންތަނަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 104 މީހަކު ޝަހީދުކޮށްލައިފިއެވެ.
އިސްރާއީލުން މިއަދު ޣައްޒާގެ އެކި ސަރަހައްދުތަކުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 104 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ރަފާގެ ކާބޯތަކެތީގެ އެހީދޭ ތަންތަން ކައިރީގައި ތިބި 37 މީހަކުވެސް ހިމެނެއެވެ.
ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) އިން ބުނީ ޣައްޒާގައި ދިރިއުޅޭ ފަލަސްތީނުގެ އެތައް ހާސް ބަޔަކު ބަނޑުހައިހޫނުކަމުގެ ތެރެއަށް ގޮސްފައިވާއިރު، އެ ސަރަހައްދުގެ ކޮންމެ ތިން މީހަކުން އެކަކު އެތައް ދުވަހެއް ވަންދެން ކާބޯތަކެތި ނުލިބި އުޅެމުންދާ ކަމަށެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ އިޒުނައާއި އެހީތެރިކަމާ އެކު ހިންގަމުންދާ ޢުދުވާނެކެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރެއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، އެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.
ޔަހޫދީންގެ ޢުދުވާނަށް ނިމުމެއް ގެނައުމަށް މަސައްކަތް ކުރަމުން ދަނީ ޤަޠަރާއި މިޞްރުން ގުޅިގެންނެވެ. ޙަމާސާއި ޔަހޫދީންނާ ދެމެދު ބާއްވަމުންދާ ނުރަސްމީ މަޝްވަރާތަކުގައި އެމެރިކާއިން ވެސް ބައިވެރިވެއެވެ. މި ވަގުތު ޤަޠަރުގެ ވެރިރަށް ދަވްޙާގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި މަޝްވަރާ ކުރަމުން ދަނީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމަކަށެވެ. އެއީ، 60 ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ އެކު، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުންގެ ތެރެއިން ބަޔަކު މިނިވަން ކުރުމަށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ.
