މި ފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ޖައްބާރު އަނިޔާވެރި އިންސާނާ، އިސްރާއީލުގެ ހަރުކަށި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކާނާ ވިހަވެ ބަލިވެއްޖެއެވެ.

ކާނާ ވިހަވެގެން މުޖުރިމު ނަތަންޔާހޫއަށް ފަރުވާދެމުން އަންނަ ކަމަށް އޭނާގެ އޮފީހުން ވަނީ ބުނެފައެވެ. ބަލިވުމުގެ ސަބަބުން ޑޮކްޓަރުން އިރުޝާދުދީފައި ވަނީ ކުރިއަށް އޮތް ތިން ދުވަހު އޮފީހަށް ނުގޮސް ގޭގައި އަރާމުކުރަން މަޑުކުރުމަށެވެ.

ފަލަސްތީނުގެ ނަސްލުނައްތާލުމަށް ހިންގާ ޖަރީމާތަކުގެ މުގުލުގައި ހުރި، ނަތަންޔާހޫ ކާނާވިހަވީ ރޭގަނޑުގެ ކެއުމަށްފަހުއެވެ. ނަތަންޔާހޫގެ އޮފީހުން ބުނީ އޭނާގެ ގޮހޮރުގައި އިންފްލެމޭޝަނެއް އުފެދިފައިވާ ކަމަށާއި ހަށިގަނޑުން ފެން މަދުވެފައިވާ ކަމަށެވެ.

އުމުރުން 75 އަހަރުގެ ނަތަންޔާހޫއަށް އަންނަނީ މިމައްސަލަތަކާ ގުޅިގެން އައިވީ ގުޅައިގެން ފަރުވާދެމުންނެވެ.

ނަތަންޔާހޫ ބަލިވީ ކުނިވެފައި ހުރި އެއްޗެއް ކެވިގެންނެވެ.

ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެއީ، ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ އިޒުނައާއި އެހީތެރިކަމާ އެކު ހިންގަމުންދާ ޢުދުވާނެކެވެ. ޔަހޫދީންގެ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 58,000އަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ދާއިރާގެ މަޞްދަރުތަކުން ހާމަކުރެއެވެ. ނަމަވެސް، ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ، އެ އަދަދު 61,700އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައެވެ.

ޔަހޫދީންގެ ޢުދުވާނަށް ނިމުމެއް ގެނައުމަށް ޤަޠަރާއި މިޞްރުން ގުޅިގެން މަސައްކަތް ކުރަމުން ދާއިރު އެކަން ކާމިޔާބު ނުވެ އޮތީ ނަތަންޔާހޫއާއި އޭނާގެ ކެބިނެޓުން އެއްބަސްވުމަށް ދިއުމަށް ދެކޮޅު ހަދަމުންދާތީއެވެ.