ހައި ސްޕީޑް ފެރީއާއެކު މުޅިރާއްޖެ ފެންވަރު ރަނގަޅު ދަތުރުފަތުރުކުރުމުގެ ނިޒާމަކުން ގުޅައިލުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ފެށި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް)ގެ ޚިދުމަތުގެ ލޯގޯއިން ރީންދޫކުލަ ފޮހެލައިފިއެވެ.
ސަރުކާރުގެ ޓްރާންސްޕޯޓު ކުންފުނި، އެމްޓީސީސީގެ ދަށުން އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ޚިދުމަތްދޭ އާރްޓީއެލް ނިޒާމުގެ، ލޯގޯއަށް ބަދަލު ގެނެސްފައިވާކަން ހާމަވީ ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް އެ އަތޮޅަށް ގެންދިޔަ ލޯންޗުތަކުގެ ބޭރު ދަވާދަށް އަދި ލޯގޯއަށް ގެނެސްފައިވާ ބަދަލުންނެވެ.
ބ. އަތޮޅުގައި އާރްޓީއެލްގެ ހިދުމަތް ފެށުމަށް ގެންދިޔަ ލޯންޗުތަކުގެ ބޭރުގައި ލާފައި ހުރީ މަޑު ނޫކުލަ އާއި ގަދަ ނޫކުލައިގެ އިތުރުން އަޅިކުލައެވެ. މިހާރު އަޅިކުލަ ލާފައި ހުރި ތަންތަނުގައި މީގެ ކުރިން ލާފައި ހުންނަނީ ރީނދޫކުލައެވެ. އެ ލޯންޗުތަކުގައި ޖަހާފައި ހުރި އާރްޓީއެލް ލޯގޯގައި ވެސް ހުރީ ރީނދޫ ކުލައިގެ ފަށް އަޅި ކުލައަށް ބަދަލުކޮށްފައެވެ.
އާރްޓީއެލްގެ ހިދުމަތް ދޭން ބޭނުންކުރާ ލޯންޗުތަކުގެ ދަވާދު ކުލަ ބަދަލުކުރި ނަމަވެސް އާރްޓީއެލްގެ ރަސްމީ ސޯޝަލްމީޑީއާ އެކައުންޓުތަކަށް މިހާތަނަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
އާރްޓީއެލް ހިދުމަތް ދޭން ބޭނުންކުރާ ފެރީތަކުގެ ބޭރު ކުލައަށް އަދި ލޯންޗުތަކުގައި ޖަހާފައިވާ ލޯގޯއަށް ސަރުކާރުން ބަދަލުތަކެއް ގެނައި ސަބަބެއް އެމްޓީސީސީން އަދި ހާމައެއްނުކުރެއެވެ. އަދި އާރްޓީއެލްގެ ލޯގޯއަށް ރަސްމީކޮށް ބަދަލެއް ގެނައިކަމެއް ވެސް އެ ކުންފުނިން ހާމައެއްނުކުރެއެވެ.
އެމްޑިޕީގެ ސަރުކާރުގެ ޚާއްސަ ޕްލޭނެއްގެ ދަށުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ އެންމެ ބޮޑު ވަޢުދަކަށްވީ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލަދިނުމެވެ. ފަސޭހަކޮށް ބުނާނަމަ، ފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ ނިޒާމަކުން ރާއްޖެ ގުޅާލުމެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް އާރްޓީއެލްއަކީ މިހާރު އަހަރަމެންނަށް ނުފަރިތަ ނަމަކަށް ނުވާނެއެވެ. ކުލައަށް ބަދަލު ގެނައި ނަމަވެސް މިޚިދުމަތް ތައާރަފުކުރީ ރީނދޫކުލަ އެ ޕާޓީއަކަށް ނިސްބަތްވާ އެމްޑީޕީގެ ސަރުކާރުން 2022ގައެވެ.
ހައި ސްޕީޑް ފެރީގެ ޚިދުމަތަކީ ރައްޔިތުންނަށް ފުރިހަމައަށް ބަރޯސާވެވޭ ޚިދުމަތަކަށް އެމްޑީޕީން ވަނީ ހަދާފައެވެ. މިއީ ކުދި ރަށްތަށް، އާބާދީ ބޮޑެތި ޚިދުމަތްތައް ހުރި ރަށްތަކާއި ގުޅާލަދިން ފަހި ނިޒާމެކެވެ.
އެކަން ދަނެ މި ސަރުކާރުންވެސް އެ އަންނަނީ މި ޚިދުމަތް ތަރައްޤީކޮށް ފުޅާކުރަމުންނެވެ.
