މި އަހަރުގެ ޖެނުއަރީ މަހު ރ.އުނގޫފާރުން ޕާސްޕޯރޓު ދޫކުރަން ފަށާފައިވާއިރު، މިހާތަނަށް އެރަށުން 346 ޕާސްޕޯޓު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން އެކްސްގައިކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ، މި އަހަރު ޖެނުއަރީ މަހު ރ.. އުނގޫފާރުގައި ޕާސްޕޯރޓް ދޫކުރަން ފެށިފަހުން މިހާ ހިސާބަށް އައިއިރު 346 ޕާސްޕޯރޓް އެ ރަށުން ދޫކޮށްފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ކޮންމެ ހަފްތާއެއްގައި ވެސް ފޯރުކޮށްދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
އިމިގްރޭޝަނުން ބުނީ، ”އިމުގާ“ މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާ ޕާސްޕޯޓުތައް، ރ. އަތޮޅުން ނަގަން ބޭނުންވާ ފަރާތްތަކުން ކަލެކްޝަން ޕޮއިންޓެއްގެ ގޮތުގައި ރ. އުނގޫފާރު ޚިޔާރުކުރެއްވޭނެ ކަމަށެވެ.
އައިޑީކާޑު ޕްރިންޓް ކުރުމުގެ ޚިދުމަތާއި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ރ. އުނގޫފާރުގައި ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އުނގޫފާރުގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ރައީސް ޑރ. މުޢިއްޒު ހއ. އަތޮޅަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ޚިދުމަތް ވަނީ ހއ. އިހަވަންދޫގައިވެސް ފަށާފައެވެ.
މި ޚިދުމަތުގެ ސަބަބުން އަތޮޅު ތެރޭގެ ރަށްރަށުގެ ރައްޔިތުންނާއި އެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މަޢުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށް ފަހު އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ބަދަލުކުރީ 11 ނޮވެމްބަރު 1993 ގައެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ޤާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ.
