މިއަދަށް ތާވަލުކުރި ނ، ރ، އަދި ބ. އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކެންސަލްކޮށްފިއެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް – އާރްޓީއެލް ނިޒާމުގެ ދަށުން، ހައި ސްޕީޑް ފެރީގެ ޚިދުމަތް ދެމުން އަންނަ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ – އެމްޓީސީސީން ބުނީ، މޫސުން ގޯސްވެ ކަނޑު ގަދަ ވުމާ ގުޅިގެން، މިއަދު (4 އޮގަސްޓް 2025)ގެ ޒޯން 2 (ނ، ރ. އަދި ބ އަތޮޅު)ގެ އާރްޓީއެލް ފެރީ ދަތުރުތައްވަނީ ކެންސަލް ކުރެވިފައި ކަމަށެވެ.
އާރްޓީއެލް ފެރީގެ ޚިދުމަތް އެންމެ ފަހުން ފެށި އަތޮޅުތަކުގެ ތެރޭގައި ރ އަދި ބ. އަތޮޅު ހިމެނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް، މޫސުން ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ – މެޓް އޮފީހުން ބުނީ، ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ސަމާޅުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ނިމުނު ހަފްތާއަކީ ވައިގަދަވެ ވިއްސާރަކޮށް، ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށްވެސް މޫސުން ގޯސް ހަފްތާއެކެވެ. މިގޮތުން، އާދަޔާ ޚިލާފަށް ވައި ގަދަވެ، އުދަ އެރުމާ އަދި ބައެއް ގެއްލުންތައް ލިބިފަވެއެވެ. އަދި ކަނޑުމަތީގެ ނުރައްކާތެރި ބައެއް ޙާދިސާތައްވެސް ހިނގާފަވެއެވެ.
ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެތީ، ކަނޑުމައްޗަށް ނިކުންނައިރު ޚާއްސަކޮށް މޫސުމަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.
