އިސްރާއީލުގެ ކުޅިވަރު ޓީމުތައް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ކުޅުން މަނާކުރަން އެކުވެރި ދައުލަތްތައް – އދ.ގެ ރައިޓްސް ރެޕަޓުއާ ފްރާންސިސްކާ އަލްބަނީ ގޮވާލައިފިއެވެ.

އާދީއްތަ ދުވަހު އދ.ގެ ރައިޓްސް ރެޕަޓުއާ މިގޮތަށް ގޮވާލީ އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ކުރީގެ ގައުމީ ފުޓްބޯޅަ ކުޅުންތެރިއަކު ޝަހީދުވުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފްރާންސިސްކާ އަލްބަނީ ވިދާޅުވީ، މިއީ ”މުބާރާތްތަކުން ގަތުލުވެރިން ބޭރުކުރަންވީ ވަގުތު“ ކަމަށެވެ.

”ފަހަރަކު ޖެހުމަކުން، ފަހަރަކު ބޯޅައަކުން، ކުޅިވަރުން ނަސްލު ނައްތާލުމުގެ ފިކުރު ފޮހެލަމާ،“ އޭނާގެ ޕޯސްޓުގައި އިނގިރޭސިބަހުން ލިޔުއްވިއެވެ.

ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން ސުލައިމާން އަލްއުބެއިދު، 41، ޝަހީދުވީ އެމެރިކާ އިސްވެ އޮވެ ހިންގަމުންދާ ޣައްޒާގެ ދެކުނުގައި ހުންނަ އެހީ ފޯރުކޮށްދޭ މަރުކަޒެއްގައި ކާބޯތަކެތީގެ އިންތިޒާރުގައި ހުއްޓާ ބުދަ ދުވަހުއެވެ.