ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބޭގޮތަށް ގެނެވުނު އިސްލާހުތަކާއެކު، ”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ“ ބިލު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މި ބިލު ފާސްކުރެވުނީ މަޖިލީހުގެ 60 މެންބަރުންގެ ތާއީދާއެކުގައެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލާ ގުޅިގެން، ނޫސްވެރިންގެ ފަރާތުން ފާޅުކުރެވުނު ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފް މެދުވެރިކޮށް ވަނީ މުހިންމު އިސްލާހުތަކެއް ހުށަހަޅުއްވާފައެވެ.
ގެނެވުނު އެންމެ މުހިންމު އިސްލާހުތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ކަނޑައެޅުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރު އުނިކުރުން ހިމެނެއެވެ. މީގެއިތުރުން، ކޮމިޝަނުގެ މެންބަރުންގެ ސިފަތަކުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން ލާޒިމްކުރުމާއި، މީހުންގެ އަމިއްލަ މަޢުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށްވެސް ވަނީ މުހިންމު ބަދަލުތަކެއް ގެނެސްފައެވެ.
ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމާއި، މީޑިއާއެއްގެ ރަޖިސްޓްރީ ވަގުތީގޮތުން ބާތިލްކުރުމުގެ ބާރު ކޮމިޝަނަށް ލިބިދޭ މާއްދާވެސް ވަނީ އުނިކޮށްފައެވެ.
މި ބިލު މިހާރު ފާސްކުރެވިފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކުރުމަށްފަހު، ކައުންސެލް ޖެނެރަލްގެ އޮފީހުން ޤާނޫނީ ގޮތުން އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރުކުރުމަށްފަހުގައެވެ.
