ރ. ވާދޫ ކައުންސިލް އިދާރާއިން، އެ އިދާރާ މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފިއެވެ.
މި މަސައްކަތަށް ޝައުޤުވެރިވާ، ޝަރުތު ހަމަވާ ފަރާތްތަކަށް 2025 ސެޕްޓެމްބަރު 21 އިން 30 އަށް ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
ކައުންސިލުން މަޢުލޫމާތު ދިންގޮތުގައި، ނަން ނޯޓު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 12:00 އަށެވެ. އަދި ނަން ނޯޓު ކުރާ ފަރާތްތަކަށް މަޢުލޫމާތު ކަރުދާސް ހަވާލު ކުރެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މި މަސައްކަތާ ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 2025 ސެޕްޓެމްބަރު 30 ވާ އަންގާރަ ދުވަހުގެ މެންދުރު 12:30 ގައި ކައުންސިލްގެ ކޮންފަރެންސް ހޯލުގައެވެ. ނަމަވެސް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޯބަރު 12 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައެވެ.
މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ނަން ނޯޓު ކުރަން ޖެހޭނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނީ އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމުގައި، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
މި މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ވާދޫ ކައުންސިލް އިދާރާގެ ނަންބަރު 4000299 އަށް ގުޅުއްވުމަށް ނުވަތަ info@vaadhoo.gov.mv އަށް މެއިލް ކުރެއްވުމަށް އެ އިދާރާއިން އަންގާފައިވެއެވެ.
