ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ޤައުމީ އޮޕަރޭޝަނެއް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ފަށައިފިއެވެ. މި އޮޕަރޭޝަން ފެށުމުގެ ގޮތުން އިމިގްރޭޝަނާއި ފުލުހުންގެ އިސްވެރިން ވަނީ ބްރީފިންއެއް ބާއްވައި، އޮޕަރޭޝަނުގެ މަޢުލޫމާތު ހިއްސާކޮށްފައެވެ.

މި އޮޕަރޭޝަނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރެއްވި ޤައުމީ ފެންވަރުގެ އޮޕަރޭޝަނެކެވެ. ”މިކަންވެސް އެތައް ހަރުފަތެއް މައްޗަށް ޖައްސައި، މާދަމާއިން ފެށިގެން ނޭޝަންވައިޑްކޮށް، ރާއްޖޭގެ ހުރިހާ ރަށެއްގައި ޚާއްޞަކޮށް، އާބާދީ ބޮޑެތި ރަށްތަކުގައި، މި ދެންނެވި ގޮތަށް ނުގަވާއިދުން ހިންގާ ވިޔަފާރިތައް ހޯދައި، އެ ތަންތަން ވަގުތުން ބަންދުކޮށް، އެ ފަރާތްތައް ޑީޕޯޓްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް އެބަ ފަށަން“ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާތަނަށް 178،982 ބިދޭސީންގެ މަޢުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 8000 އަށްވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއީ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، މި ސަރުކާރުން މިކަމަށް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.

އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހި ކުރިއަށްގެންދަނީ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ބިދޭސީންނަށް އަމާޒުކޮށްގެންނެވެ. އަދި ދެން އޮތް ފިޔަވަހިތަކުގައި އާބާދީ ބޮޑެތި ސިޓީތަކަށް އިސްކަންދީގެން، އަތޮޅުތަކުގައިވެސް މި އޮޕަރޭޝަން ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ޚާއްސަ އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމެވެ. އަދި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމެވެ.