ކުރިއަށް އޮތް 3 ދުވަހު އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. ހއ. އަތޮޅުން ފެށިގެން ކ. އަތޮޅަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު ފަހު 03:00 ހާހަމައަށްށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ހދ. ހަނިމާދޫއަށެވެ. އެގޮތުން ހަނިމާދޫއަށް 64.6 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް މެޓް އޮފީހުގެ ރިކޯޑުތަކުން ދައްކައެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.
ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.
ހުޅަނގު މޫސުމުގެ ބާރަވަނަ ނަކަތް ”އުތުރަ“ ނިމި، ”އަތަ“ ނަކަތް ފެށިގެން ދުވަސްތައް ގުނަމުންދާއިރު އަތަ ނަކަތަކީ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރުމަހުގެ 3ވަނަ ދުވަހުގެ ނިޔަލަށް ދެމިގެންދާ ނަކަތެކެވެ.
މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ސާފުވާނެއެވެ. ނަމަވެސް ދޭތެރެދޭތެރެއިން ވިއްސާރަ ނަގައި ވާރޭ ވެހޭނެއެވެ. ވައިޖެހޭނި ހުޅަނގުންނެވެ. ވައިގެ ބާރުމިން އެވްރެޖްގޮތެއްގައި ހުންނާނީ ގަޑިއަކު 24.08 ކިލޯމީޓަރު ބާރުމިނުގައެވެ. އެވްރެޖުކޮށް 3.78 އިންޗިއަށް ވާރޭ ވެހޭނެއެވެ. މި ނަކަތުގައި އެވްރެޖުކޮށް 80.5 ގަޑިއިރު އަވިދޭނެއެވެ. މަސްވެރިކަން ރަނގަޅުވާނެއެވެ. މަސްއައިންތައް އަތޮޅުތަކާ ކައިރިން މި ނަކަތުގައި ފެންނަން ފަށާނެއެވެ.
18 ނަކަތް ހިމެނޭ ހުޅަގު މޫސުން ފެށުނީ އޭޕްރީޕް މަހުއެވެ. އިރުވައި މޫސުން ނިމުނީ އޭޕްރީލް ހަތްވަނަ ދުވަހު ’ރޭވަ‘ ނަކަތުންނެވެ. އިރުވައި މޫސުމުގައި ހިމެނުނީ ޖުމުލަ ނުވަ ނަކަތެވެ.