މާރާމާރި ހިންގި މައްސަަލައެއްގައި ގދ. ތިނަދޫއަށް ނިސްބަތްވާ އާމިނަތު ފޭޒްލީން (49އ.) ހައްޔަރުކޮށްފިއެވެ.
ޓިކްޓޮކްގައި ހަރަކާތްތެރިވަމުން އަންނަ ފޭޒްލީން ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ރޭ 22:38 ގައި ހިނގި ހާދިސާއަކާ ގުޅިގެންނެވެ. އެއީ ހުއްދަނެތި ގެއަކަށް ވަދެ، އެ ގޭގައި ތިބި ކުޑަކުދިންގެ ކުރިމަތީގައި ހަޑިހުތުރު ބަހުން މުޢާމަލާތްކޮށް، މާރާމާރީ ހިންގައި އަދި ޒުވާބުކުރި މައްސަލައެއްގައިކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ފޭޒްލީން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު 14:32 ގައެވެ.
މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް، މައްސަލައިގެ އިތުރު ތަފްސީލެއް މި ވަގުތު ހާމަކުރައްވާފައެއް ނުވެއެވެ.
ފޭޒްލީންއަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްގައި ގިނަ ބަޔަކު ފޮލޯކުރާ ކޮންޓެންޓް ކްރިއޭޓަރެކެވެ.