މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމުގެ ޙައްގު ލިބޭ މީޑިއާތަކުގެ މައުލޫމާތު އާންމުކޮށްފިއެވެ.
މީޑިއާ ކޮމިޝަން އިންތިޚާބު ބާއްވަނީ އިލެކްޝަންސް ކޮމިޝަނުންނެވެ. އެ ކޮމިޝަނުން މިހާރު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިސްޓުގައިވާގޮތުން އަންނަ މަހުގެ 11ވަނަ ދުވަހު ބާއްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އިންތިޚާބުގައި 353 މީޑީއާއަކަށް ވޯޓުލުމުގެ ޙައްގު ލިބެއެވެ. އެއީ 18 ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަކުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ 335 މީޑިއާއެވެ.
އިންތިޚާބުގައި ވޯޓުލެވޭނީ ކޮންމެ މީޑިއާއަކުންވެސް ކަނޑައަޅާ އެއް މަންދޫބަކަށެވެ. ވޯޓުލުން ކުރިއަށްދާނީ ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތައް ވަކިންނެވެ.
ވޯޓުލުމުގެ ޙައްގު ލިބިފައިވާ މީޑިއާތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާއިރު އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން، ހޯމަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށް މި ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މީޑިއާ ކޮމިޝަންގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 2:00އާ ހަމައަށެވެ. މީޑިއާ ކޮމިޝަނަށް އިންތިޚާބު ކުރާ 4 މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ ބްރޯޑްކާސްޓަރުންގެ ތެރެއިން އިންތިޚާބު ކުރާ ދެ މެންބަރުންނެވެ. އަދި ބާކީ ދެ މެންބަރުން އިންތިޚާބު ކުރާނީ އެހެނިހެން މީޑިއާތަކުގެ ތެރެއިންނެވެ.