ބޭންކް އޮފް މޯލްޑިވްސް އިން ރ. އަލިފުށީގައި މިއަދު އާ ބްރާންޗެއްގެ ބިންގާ އަޅައިފިއެވެ. މިއީ މުޅި އަތޮޅަށް ދެމުންދާ ބޭންކިންގ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަލަށް ގާއިމްކުރުމަށް ހަމަޖެހިފައިވާ ބްރާންޗެކެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އެޅުމުގެ ރަސް މިއްޔާތުގެ ތެރެއިން —

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ”އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އެޅިގެން ދިޔުމަކީ ރ. އަތޮޅުގައި އަޅުގަނޑުމެންގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މި އައު ބްރާންޗުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމާލެވޭނެ، މިއާއެކު މިރަށުގެ ރައްޔިތުންނަށް މިހާރަށްވުރެވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެ.“

މިހާރުވެސް ބޭންކުން އަންނަނީ ރ. އަތޮޅުގެ އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމުކޮށްގައިފައިވާ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެމުންނެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.