އިޒްރޭލުން ފަލަސްތީނުގެ ޣައްޒާ ހިސާރުކޮށްފައި އޮންނަ އޮތުމާ ދެކޮޅުހަދައި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް 40 އަށްވުރެ ގިނަ އުޅަނދުގައި ފެށި ދަތުރުގައި ހިމެނޭ ހުރިހާ އުޅަނދެއް އިޒްރޭލު ސިފައިން ހުއްޓުވައިފި އެވެ.

އިޒްރޭލު ފޮރިން މިނިސްޓްރީން މިކަން ކަށަވަރުކޮށްދެމުން ބުނެފައިވަނީ ”ބޮޑު ހާދިސާއެއް ނުހިނގައި“ފްލޯޓިލާގެ ހުރިހާ އުޅަނދެއް ހުއްޓުވާފައިވާ ކަމަށެވެ. އަދި އެއްވެސް އުޅަނދަކަށް ޣައްޒާއަށް ނުވަދެވޭ ކަމަށާއި އުޅަނދުތަކުގައި ތިބި އެންމެންގެ ހާލު ރަނގަޅު ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

”ގްލޯބަލް ސުމޫދް ފްލޮޓީލާ“ ގެ ޓްރެކިން ވެބްސައިޓުން ދައްކާ ގޮތުގައި މި ދަތުރުގައި 44 އުޅަނދު ބައިވެރިވި އެވެ. މި އުޅަނދުތަކުގެ ތެރެއިން ގިނަ އުޅަނދުތައް ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން ހުއްޓުވައި، އޭގައި ތިބި މީހުން ވަނީ ހައްޔަރުކޮށްފައެވެ. ޣައްޒާއާ އެންމެ ކައިރިއަށް ދެވުނު އުޅަނދު 10 މޭލާ ހަމައަށް ކުރިއަށް ދިޔަ ކަމަށް ޓްރެކިން ވެބްސައިޓުން ދައްކައެވެ.

ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުން އުޅަނދުތައް ހުއްޓުވައި މީހުން ހައްޔަރުކޮށްފައި ވާތީ، މިއީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފަށް ކިޑްނެޕްކުރުން ކަމަށް ބުނެ ފްލޮޓީލާގެ ޓީމުންނާއި އެކި ގައުމުތަކުން ދަނީ އިޒްރޭލު ކުށްވެރިކުރަމުންނެވެ. ފްލޮޓީލާގައި 500 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވާއިރު، އެ މީހުން ނިސްބަތްވާ ގައުމުތަކުގެ ސަރުކާރުތަކުން ވެސް ވަނީ އިޒްރޭލުގެ މި އަމަލު ކުށްވެރިކޮށްފައެވެ.

އިޒްރޭލުން ބުނެފައިވަނީ ފްލޮޓީލާގެ އުޅަނދުތަކާއި މީހުން ”ރައްކާތެރިކަމާ އެކު އިޒްރޭލަށް“ ގެންދާ ކަމަށާއި އެންމެން ޑީޕޯޓްކުރާނެ ކަމަށެވެ.