ހާދަ ކުރެވެ. ހާދަ ފަލައެވެ. ހާދަ ކަޅެވެ. ހާދަ ހިއްކެވެ. ތޫލި އަޑެކެވެ. 

މިހުންނަނީ މީހުން މީސްމީހުންނާ ދިމާލަށް ބުނެލާ އިބާރާތްތަކެވެ.

ދަންނާށެވެ. ގަދަ ކީރިތިވަންތަ މާތް ﷲސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ދެއްވާފައިވާ ހަމުގެ ކުލައަށް، ގުނަވަންތަކުގެ ބައްޓަމަށް، މީހާގެ އަޑަށް އަދި އިސްކޮޅާއި ރޫފަޔަށް މަލާމާތްކުރަނީ ޖާހިލުކަމުންނެވެ.

ހުދު ތިމާއަކީ ވެސް މާތްﷲ ހެއްދެވި އިންސާނެއްކަން ހަނދުމަނެތެވެ. ސިފައާއި އަޑަށް މަލާމަތްކޮށް ހަޖޫ ޖެހުމަކީ ވެރިރައްބުގެ ޚަލްގުކުރެއްވުމަށް މަލާމާތްކުރުމެވެ.

ތިމާއަކީ ހަމުގެ ކުލަ އަލި ރީތި މީހަކަސް މުއްސަންޖަކަސް މަތީ ތަޢުލީމީ ސެޓިފިކެޓެއް އަތުގައި އޮތަސް މީހެއްގެ ސިފައަށް، އަޑަށް މަލާމާތްކުރުމީ ތިމާއަށް ލިބިގެންވާ ހައްގެއްނޫނެވެ.

އެކަމުންބުނެދެނީ ތިމާގެ ބޮޑާކަމާއި ކިބުރުވެރިކަމެވެ. ތިމާއަށް ތިމާ ފެނިފައިވާ މިންވަރެވެ. އެފަދައިން ކަމެއް ވެވިފަވާނަމަ މާފަށްއެދޭށެވެ. އަދި ތަކުރާރުނުކުރާށެވެ.

ޚާލިގުވަންތަ އިލާހުގެ ޚަލްގުކުރެއްވުމަށް ފާޑުކިޔުމުގެ ބާރު އަހަރެމެންނަށް ލިބިގެން ނުވެއެވެ. އެއަށްވުރެ އަހަރެމެންނީ މާނިކަމެތި އާރެއް ބާރެއްނެތް ބައެކެވެ.

لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ ﴿٤﴾

މާނައީ: ހަމަކަށަވަރުން ތިމަންއިލާހު، އެންމެ ރިވެތި ސޫރައިގައި އިންސާނާ ޚަލްޤުކުރެއްވީމެވެ.

މިއާޔަތުގައި ﷲތަޢާލާ ވަޙީކުރައްވާ އަންގަވާފައި މިވަނީ، އެއިލާހު އިންސާނާ އެންމެ ރީތި ސޫރައިގައި ޚަލްޤުކުރެއްވި ކަމަށެވެ. އަދި އެންމެ ފުރިހަމަ ފިޠުރަތާއި ވިސްނުމުގައި އިންސާނާ ޚަލްޤުކުރައްވާފައިވާ ކަމަށެވެ. އެހެނީ އެންމެހާ މަޚުލޫޤުންގެ ތެރެއިން، އާދަމުގެ ދަރިންނަށްވުރެ ރިވެތި އެއްވެސް މަޚުލޫޤެއް ނުވެއެވެ. އަދި އެހެނިހެން މަޚްލޫޤުންނަށްވުރެ އާދަމުގެ ދަރިންގެ ސޫރަ ފުރިހަމައެވެ. އެހެނީ ﷲތަޢާލާ ވަޙީކުރައްވާފައި މިވަނީ މިފަދައިންނެވެ.

﴿لَقَدْ خَلَقْنَا الْإِنسَانَ فِي أَحْسَنِ تَقْوِيمٍ﴾

މާނައީ: ހަމަކަށަވަރުން ތިމަންއިލާހު، އެންމެ ރިވެތި ސޫރައިގައި އިންސާނާ ޚަލްޤުކުރެއްވީމެވެ.

އިންސާނާއީ މާތް ﷲގެ މަޚްލޫޤުންގެ ތެރެއިން އެކަލާނގެ އެންމެ މާތްކުރެއްވި އެއް މަޚްލޫޤުކަމާމެދު ދެބަސް ނުވެވޭނެއެވެ. އެކަލާނގެ އެކަން ބަޔާންކުރައްވައި މިފަދައިން ވަޙީކުރައްވާފައި ވާތީއެވެ.

﴿وَلَقَدْ كَرَّمْنَا بَنِىٓ ءَادَمَ وَحَمَلْنَـٰهُمْ فِى ٱلْبَرِّ وَٱلْبَحْرِ وَرَزَقْنَـٰهُم مِّنَ ٱلطَّيِّبَـٰتِ وَفَضَّلْنَـٰهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا﴾ (ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އާދަމުގެދަރިން މާތްކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒްޤުދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.) (އަލްއިސްރާއު: 70)

އެންމެ ރިވެތި ސޫރައިގައި ހައްދަވައި، އެންެމެ މާތް މަޚްލޫޤުންގެ ތެރޭގައި ލައްވައި މާތް ﷲ މި ބިންމައްޗަށް އިންސާނާ ފޮނުއްވިޔަސް އޭނާ އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ޙަޤީޤަތެއް ވެެއެވެ. އެއީ އޭނާއަކީ ޖައްބާރުވަންތަ އިލާހުގެ ބިޔަ ކައުނުގައި އޭނާއަކީ ނިކަމެތި މަޚްލޫޤެއް ކަމެވެ.