އެމްޑީޕީ ސަރުކާރުން ބޯހިޔާވަހިކަމަށް ހިލޭ ދޫކޮށްފައި ހުރި ގޯތިތަށް އަނބުރާ ސަރުކާރަށް ނެގުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ގޮވާލައިފިއެވެ.

މިއީ އިއްޔެގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީ ޕީޖީ ލީޑަރުގެ ހައިސިއްޔަތުން ދެއްކެވި ވާހަކައެއް ވެސް ނޫނެވެ.

”މިއީ އަޅުގަނޑު އެއްގޮތަަކަށް ވެސް މިތާ މެޖޯރިޓީ ލީޑަރުގެ ހައިސިއްޔަތުން ދަންނަވާ ވާހަކައެއް ނޫން. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިއަދު އަޅުގަނޑުގެ ޝުއޫރެއް މި ހާމަކޮށްލަނީ. އަޅުގަނޑުގެ ހިޔާލަކީ އަދިވެސް، ހިލޭ ދީފައި އެހެރަ ބިންތައް، އެތާ ވަށާ ފާރެއް ރާނާފައި ހުރިއްޔާ ވަށާފާރުގެ ބަދަލު ދީފައި. ގޯއްޗެއް ރާނާފައި ހުރިއްޔާ ގޯއްޗެއްގެ ބަދަލުދީފައި ހުރިހާ އެއްޗެއް ދައުލަތަށް ނެގުން،“ ފަލާހު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ 99 ޕަސެންޓް ރައްޔިތުން މިކަމަށް ތާއީދު ކުރާނެކަމަށާއި އެއީ އެއްވެސް އިންސާފެއްގެ ދަށުން ކޮއްފައިވާ ކަމެއް ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ.

އެއް ބަޔަކަށް ފްލެޓް ދެނީ ފައިސާ ދައްކާ ގޮތަށް، އަނެބަޔަކަށް1200 އަކަފޫޓުގެ ބިމެއް ހިލޭ ދިނުމަކީ އެއްވެސް އިންސާފެއް އޮތް ކަމެއް ނޫން ކަމަށް ފަލާހް ވިދާޅުވިއެވެ.

ބިޑް އުސޫލުން ވިއްކާ ނަމަ އެއިން ކޮންމެ ގޯއްޗަކަށް 12 މިލިޔަން ރުފިޔާ ޖެހޭނެ ކަމަށާއި ފްލެޓް ލިބޭ މީހުން ޖެހެނީ 25 އަހަރު ދުވަހުގެ ތެރޭގައި ހަތަރު މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ކޮށްފައި ހުރި ނަމަ ހުރި މަސައްކަތަކަށް އަގުދީފައި ގޯތިތައް ދައުލަތަށް ނަގަން ތަކުރާރުކޮށް ސަރުކާރަަށް ގޮވާލައްވަމުން ފަލާހު ވިދާޅުވީ އޭރުން ދައުލަތަށް 10 ވަރަކަށް ބިލިޔަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލެ ސަރަހައްދުން ހިލޭ ގޯތި ދޭން ކުރީގެ ސަރުކާރުން ހުޅުވާލުމާ އެކު އޭރު ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެކަމާ ނުރުހުން ފާޅުކުރެއްވި އެވެ. އޭރު އަދި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ފޮނަދޫ ދާއިރާގެ އޭރުގެ މެންބަރު މޫސާ ސިރާޖު އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އެވެ.

”…ދައުލަތުގެ ދަަރަނި 100 ބިލިއަނަށް އަރައި ދަރަނި ނުދެއްކޭނެ ކަމުގެ ބަހުސް އިންތިހާއަށް ބޮޑުވެފައިވާ ހާލަތެއްގައި ހަތަރު ލައްކައެއްހާ މީހުންގެ އާބާދީގެ ތެރެއިން 5،000 އާއިލާ އަށް 48 ބިލިއަން ރުފިޔާގެ އަގު ހުރި ބިން ހިލޭ ދިނުމަކީ ބޮޑު ބޭއިންސާފެއް ކަމުގައި އަޅުގަނޑު ދެކެން،“ އެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.

މާލެ ސަރަހައްދުން ދޫކުރާ ގޯތިތައް 5000 އާއިލާ އަށް އިންސާފުވެރިކަމާއެކު ބެހޭނެ ކަމަށް ނުދެކޭތީ އާއި އެ ބިންތައް ބީލަމަށް ލައިގެން ވިއްކައިފި ނަމަ ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިދާނެ ކަމަށް އަންދާޒާ ކުރެވޭ ފައިސާގެ އަދަދަކީ ކޮބައިތޯ ބަލަން އެދޭ ކަމަށް އެ ސިޓީގައި އޭނާ ވިދާޅުވި އެވެ.