ސަރުކާރުން 2026 ވަނަ އަހަރަށް ލަފާކޮށް 64.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.

ބަޖެޓުގައި ޖުމްލަ ޚަރަދުގެ ގޮތުގައި 49.2 ބިލިޔަން ރުފިޔާ ހިމެނެއިރު، މީގެ ތެރެއިން 39.9 ބިލިޔަން ރުފިޔާއަކީ ރިކަރަންޓް ޚަރަދު ކަމަށް ވަނީ ލަފާކޮށްފައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް 9.3 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވޭއިރު، މާލީ ހާލަތު ބެލެހެއްޓުމަށްޓަކައި ބަޖެޓުގެ ދަރަނި ކުޑަކުރުމަށް މަސައްކަތްކުރާނެކަމަށް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މި ބަޖެޓަކީ ދައުލަތުގެ މާލީ ސިޔާސަތުތަކާއި ތަރައްޤީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ކަނޑައަޅާފައިވާ ބަޖެޓެކެވެ. މި ބަޖެޓުން ދައުލަތުގެ މާލީ ހާލަތު ރަނގަޅުވެ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަރައްގީގެ ތަސައްވަރު ޙާސިލްކުރަން ބާރުލިބޭނެ ކަމަށްވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ވިދާޅުވީ، މިއީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އަނބުރާ ހޯދުމަށް ގިނަ ފިޔަވަޅުތަކެއް ހިމެނޭ ބަޖެޓެއް ކަމަށެވެ.

މި ބަޖެޓު ފަރުމާކޮށްފައިވަނީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ ސިއްހަތު، ތައުލީމު އަދި ހަކަތަ ފަދަ މުހިންމު ހިދުމަތްތަކަށް ދެމެހެއްޓެނިވި ހައްލުތައް ހޯދައިދީ، ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައެވެ. މިނިސްޓަރު ވަނީ މި ބަޖެޓު ފާސްކޮށްދެއްވުމަށް މަޖިލީހަށް އެދިވަޑައިގެންފައެވެ.