މަކަރާއި ހީލަތުން ގިނަބައެއްގެ އަތުން ފައިސާ ނަގާ، އެފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް ކުރީގެ ރައްޔިތުން މަޖިލީހުގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެކޮއްކޮ، ކުރީގެ މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށްކޮށްފައިވާ ދައުވާތަށް، ފައިސާ އަނބުރާ ދެއްކުމުން، ޕްރޮސެކިއުޓަރ ގެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ނަގައިފިއެވެ.

ކިންގްސް ކެޕިޓަލް ޕްރައިވެޓް ލިމިޓެޑުން ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީ އާއި ބެހޭ ގާނޫނާއި ގަވައިދާ ޙިލާފަށް އިންވެސްޓްމަންޓް ސްކީމެއް ހިންގާ، އިންވެސްޓަރުންނަށް ބޮޑެތި އްދަދުތަކުން ފައިދާ ލިބޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދާ، ލޯންޑަރ ކުރިކަމުގެ ތުހުމަތުގައި، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޝަހުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 ދައުވާ 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

މިދައުވާތައް ކޯޓުގައި ކުިރޔަށް ދަނިކޮށް، ފައިސާގެ ބަދަލު ލިބެންޖެހޭ 13 ފަރާތަކަށް ދައުވާ ލިބޭ ފަރާތްތަކުން ބަދަލު ދީ ޙަލާސްކޮށްފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ. މި މައްސަލާގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާ ކަން ފުލުހުން މެދުވެރިކޮށް ކަށަވަރުވެފައިވާ ކަމަށް ޕީޖީން ބުނެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ފުލުހުން ބުނާ ކަމަށް ވެސް ޕީޖީން ބުނެއެވެ.

މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދަން އެދުނު އެންމެންނަށް، ލިބެން ޖެހޭ ފައިސާ އަނބުރާ ލިބުމުންނާއި، މައްސަލަ އިތުރަށް ކުރިޔަށް ގެންދަން ބޭނުން ނުވާ ކަމަށް އެފަރާތްތަކުން ބުނުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދައުވާތައް (ޓެކުމުގެ ކުށުގެ 13 ދައުވާ) އިތުރަށް ކުިރޔަށް ގެންދިޔުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫންކަމުން، އިތުރަށް މައްސަލަ ކުރިޔަށް ނުގެންދިޔުމަށް ބޭނުން ނުވާ ކަމަށްއެ ދައުވާތައް އިތުރަށް ކުރިއަށް ނުގެން ދިއުމަށް ނިންމާފައިވާ ކަމަށް ޕީޖީން ބުނެ އެވެ.