ރާއްޖޭގެ ސާފިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ބޭއްވި ގައުމީ ޖޫނިއާ ސާފިން ޗެމްޕިއަންޝިޕްސްގެ އަންހެން ބައިގެ ޗެމްޕިއަންކަން، އުމުރުން އެންމެ 8 އަހަރުގެ އާލިޔާ ލަތީފް މިއަދު ހޯދައިފިއެވެ. މިއީ ރާއްޖޭގެ ފުރަތަމަ ޖޫނިއާ އަންހެން ސާފިން ޗެމްޕިއަނެވެ. މި މުބާރާތަކީ މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ޖޫނިއާ އަންހެން އިވެންޓެއް ބޭއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

އާލިޔާ މި ކާމިޔާބީ ހޯދީ އަންހެންބައިގެ 18 އަހަރުން ދަށުގެ ފައިނަލް ހީޓުގައި ވާދަކޮށް ޖުމްލަ 10.23 ޕޮއިންޓް ހޯދައިގެންނެވެ. އޭނާ ވަނީ ފައިނަލް ހީޓުގައި ވާދަކުރި ތިންވަނަ ރާޅަށް 4.23 ޕޮއިންޓް ހޯދައިފަ އެވެ. އަދި އާލިޔާގެ ހަވަނަ ރާޅުގައި ހަ ޕޮއިންޓް ސްކޯ ކުރި އެވެ. އުމުރުން ހަގު ކުޅުންތެރިއަކު މިފަދަ ބޮޑު ކާމިޔާބީއެއް ހޯދުމަކީ ރާއްޖޭގެ އަންހެން ސާފިންގެ ކުރިމަގަށް އޮތް އުއްމީދެކެވެ.

އަންހެން ބައިގެ ދެވަނަ އަށް ދިޔައީ ޖުމްލަ 7.67 ޕޮއިންޓް ހޯދި އައިޝާ ތާރާ ވާސިފަ އެވެ. ތިންވަނަ ހޯދީ 3.86 ޕޮއިންޓް ލިބުނު އަލައިކާ އަބްދުލް އަލީމެވެ. މަރިޔަމް ޒޯހާ މާދިހަށް އެ ހީޓުން ލިބުނީ 0.93 ޕޮއިންޓެވެ.

މުބާރާތުގައި ދެން ކުރިއަށް ގެންދިޔަ ފިރިހެން ބައިގެ ވާދަތަކަށް ބަލާއިރު، 18 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޔަސީން އަހުމަދު ނާޝިދެވެ. ޔަސީން ވަނީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން މުހައްމަދު އިނާން އަބްދުލް ހަންނާނާ ވާދަކޮށް 13.67 ޕޮއިންޓް ހޯދައިފަ އެވެ. އިނާންގެ ޖުމްލަ ސްކޯއަކީ 9.77 ޕޮއިންޓެވެ. ޔަސީން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި އަހުމަދު ލުޒެއިންއާ ވާދަކޮށް ކުރި ހޯދައިގެންނެވެ.

އުމުރުން 16 އަހަރުން ދަށުގެ ޗެމްޕިއަންކަން މި އަހަރު ހޯދީ ޔޫސުފް ކަޔާން ހަމްދާން ޒަކީ (ކައި ޒަކީ) އެވެ. ކައި ޒަކީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި، މިދިޔަ އަހަރުގެ ޗެމްޕިއަން ކަޔާން އަބްދުﷲ އަރީފް (ކައިޕުޓީ) އާ ވާދަކޮށް 13.67 ޕޮއިންޓް ހޯދައިގެންނެވެ. ކައިޕުޓީއަށް މި ހީޓުން 8.33 ޕޮއިންޓް ލިބުނެވެ. ކައި ޒަކީ ސެމީ ފައިނަލްގައި ކުރި ހޯދީ ނޫގް މުހައްމަދު ދުނެއިމް އިރުޝާދާ ވާދަކޮށެވެ.

އަދި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ހުސެއިން އަޒާން އިސްމާއިލް އެވެ. އަޒާން ވަނީ ފައިނަލްގައި އަހުމަދު އާލް އާދިލްއާ ވާދަކޮށް 11.33 ޕޮއިންޓް ހޯދައިފަ އެވެ. އާލް އަށް ލިބުނީ 4.43 ޕޮއިންޓެވެ. މިއީ އަޒާން ޖޫނިއާ ޗެމްޕިއަންޝިޕްސްގައި ވާދަކުރި ދެވަނަ ފަހަރު ކަމަށް ވާއިރު، މިދިޔަ އަހަރު އޭނާ ކެޓީ ސެމީ ފައިނަލުންނެވެ.