ސަރުކާރުން ޕޭ ފްރޭމްވާރކަށް ގިނަ ހެޔޮ ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ދައުލަތުން ބަޔާންކުރި ނަމަވެސް، މި އިޞްލާޙުތަކުގެ ސަބަބުން މުވައްޒަފުންނަށް ލިބޭ އިތުރުގަޑީގެ ފައިސާ މަދުވާގޮތަށް ބަދަލުތަކެއް ގެނެސްފައިވާކަން ފާޅުވެގެން ގޮސްފައިވެއެވެ. މިކަމުގެ ސަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެއްޖެއެވެ.

އިތުރު ގަޑީގެ ފައިސާ ދިނުމުގެ އުސޫލުތަކަށް ބަދަލުގެނައުމަށް ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް އިޞްލާޙުކޮށްފައިވަނީ، 1 ނޮވެމްބަރުން ފެށިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައި، މުސާރަތައް އިޢުލާންކުރުމުގެ 4 ދުވަސް ކުރިންނެވެ. މި ބަދަލާއެކު، ރަސްމީ ބަންދު ނޫން ދުވަސްތަކުގައި މުވައްޒަފުންގެ އަމިއްލަ ކަންކަމުގައި އޮފީހުން ބޭރުގައި ހޭދަކުރާ ވަގުތު މަސައްކަތު ވަގުތުން އުނިކުރުމަށްފަހު، ފުރިހަމަ 8 ގަޑިއިރު ހަމަވާނަމަ އެކަނި އިތުރުގަޑީގެ އިނާޔަތް ލިބޭގޮތަށް ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް އިޞްލާޙުކޮށްފައިވެއެވެ.

އުސޫލަށް ގެނެވުނު ބަދަލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އިޞްލާޙު ގެނެސްފައިވަނީ އިތުރު ގަޑީގެ ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމުގެ މަޤްޞަދުގައެވެ. ސަރުކާރުން ތަޢާރަފުކުރި އައު ބަދަލުތަކުގެ ދަށުން، މުވައްޒަފަކު އަމިއްލަ ބޭނުމަކަށް މަސައްކަތުގެ މާޙައުލުން ބޭރުގައި އެއްވެސް ވަގުތެއް ހޭދަކޮށްފިނަމަ، އެ ހޭދަކުރި ވަގުތު އެ ދުވަހުގެ މަސައްކަތުގެ 8 ގަޑިއިރު ހިސާބުކުރުމުގައި ހިމެނުން ހުއްދަވެގެންނުވާކަމަށް ކަނޑައަޅާފައިވެއެވެ.

އައު އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، އަމިއްލަ ވަގުތު ނޫން ކަމަށް ބެލެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ ވަގުތުތަކެވެ. މީގެ ތެރޭގައި ހިމެނެނީ ކެއުމުގެ ގަޑި، ނަމާދުކުރުމުގެމުގެ ވަގުތު އަދި ކުޑަކުދިން ބެލުމަށް ދެވޭ ވަގުތުތައް އެކަނިކަން ފާހަގަކޮށްފައިވެއެވެ. މި ވަގުތުތައް ފިޔަވައި އެހެން ވަގުތުތަކުގައި މުވައްޒަފަކު މަސައްކަތުގެ މާޙައުލުން ބޭރުގައި ހޭދަކުރާ ވަގުތުތަކަކީ އަމިއްލަ ބޭނުމަށް ހޭދަކުރާ ވަގުތުތަކެއްގެ ގޮތުގައި ބެލެވޭނެކަމަށް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ރައީސް މުޙައްމަދު މުޢިއްޒު ވަނީ، މިހާތަނަށް މުސާރަ ބޮޑުކޮށްފައިނުވާ ސިވިލް ސަރވިސްގެ އެންމެހައި މުވައްޒަފުންނާއި، ޖުޑިޝަރީ އަދި ކައުންސިލްތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 1 ނޮވެމްބަރުގައި ހާމަނައިޒްކޮށް، މުސާރަ އިތުރުވެގެންދާނެކަމަށް ޔަޤީންކަން ދެއްވާފައެވެ.

އަލަށް ތަޢާރަފުކުރެވުނު ބަދަލާއެކު، ޕޭ ހާމަނައިޒޭޝަންގެ ދަށުން މުސާރަ ބޮޑުކުރި ނަމަވެސް، އޭގެ ފައިދާ ބައެއް މުވައްޒަފުންނަށް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. އިތުރުގަޑީގެ އުސޫލަށް ގެނެވުނު ބަދަލާއެކު، ކުރިއާ އަޅާބަލާއިރު މުވައްޒަފުން ގެއަށް ގެންދާ އާމްދަނީ މަދުވާނެކަމަށް ގިނަ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އިތުރު ވަގުތު މަސައްކަތްކުރުވުމަށްފަހު، މުދައްރިސުންނާއި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އިތުރުގަޑީގެ ފައިސާ ނުލިބޭތީ، މުވައްޒަފުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

މީގެ އިތުރުން، މިހާރު ގެނެވުނު ބަދަލަކީ މުސާރައިގެ އޮނިގަނޑަށް އިޞްލާޙު ގެނެސް ބޮޑުކުރެވޭ މުސާރައިގެ ފައިދާ މުވައްޒަފުންނަށް ލިބުމުގެ ބަދަލުގައި، ބައެއް މުވައްޒަފުންނަށް ލިބޭ ޖުމްލަ އާމްދަނީ ދަށަށް ދިއުމަށް މަގުފަހިވާނެ ކަމެއްކަމަށް މުވައްޒަފުން ފާހަގަކުރަމުންދެއެވެ. މި ބަދަލާމެދު ހިތްހަމަނުޖެހުން ފާޅުކޮށް، ގިނަ މުވައްޒަފުން ދަނީ އިޖުތިމާޢީ މީޑިއާ މަންޞަތަކުގައި އެމީހުންގެ ކަންބޮޑުވުންތައް ހާމަކުރަމުންނެވެ.