ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އަންނަ އަހަރަށް ހުށަހަޅުއްވާފައިވާ ބަޖެޓުން ސިފައިންގެ އައު އި އައު އިމާރާތްތަކާއި ޓްރެއިނިންގ މަރުކަޒުތައް އަޅުއްވާނެކަމަށް ވިދާޅުވެފައެވެ.
ހޯމަ ދުވަހު ބޭއްވުނު ނަޞްރު ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ސިފައިންގެ ޤާބިލްކަން އިތުރުކުރުމަށް މި އަހަރުގެ ބަޖެޓުންވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އަންނަ އަހަރަށް ހުށަހަޅުއްވާފައިވާ ބަޖެޓުންވެސް ގިނަ ކަންތައްތަކެއް ކުރުމަށް ޕްލޭންކުރެވިފައިވާ ކަމަށެވެ.
އެގޮތުން ކުރިއަށް އޮތްތަނުގައި ސިފައިން ބޭނުން ކުރުމަށް އައު އިމާރާތްތައް އަޅާނެ ކަމަށާއި، ޓްރެއިނިން މަރުކަޒުތައް އަދި ފުލުހުންނަށް ޚާއްސަކޮށް ވެސް ގިނަ މަަސައްކަތްތަކެއް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ
”މިއަހަރު ވެސް މިއަންނަ އަހަރު ވެސް ފާސް ކުރަން ހުށަހަޅާފައި އޮތް ބަޖެޓުން ވެސް ފެނިވަޑައިގަންނަވާނެ ދިވެހި ލޮބުވެތި ރައްޔިތުންނަށް މިގޮތަށް އެތައް ކަމެއް ކުރަން އެއޮތީ ހުށަހަޅާފައި. ނޫނީ ހިމަނާފައި. ފްލޭން ކޮށްފައި. ސިފައިންގެ އެކިއެކި ދާއިރާތައް ތަރައްގީ ކުރުމުގެ މަސައްކަތް ކުރުމާ އޭގެ އިތުރަށް ސިފައިންގެ ޚިދުމަތުގައި ހޭދަކުރާ ވަގުތު އެ ސިފައިންނަށް މިދިޔަ ގިނަ އަހަރުތަކުގައި އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނެސް، ރަނގަޅު ޚިދުމަތްތައް ދިނުމަށް ބަޖެޓުގައި ހިމެނުމާއި، މިސާލަކަށް ދަންނަވަންޏާ ބަންޑާރަ ކޮށްޓާއި ކަޅުތުއްކަލާ ކޮށީގައި ހިދުމަތުގައި އުޅޭ ވަގުތު އެ ބޭނުންކުރަން ޖެހޭ އިމާރާތްތަކާ ތަންތަން ބާވެ ވިރާނާވަމުންދާ ދިޔުން ނިމުމަކަށް ގެނައުމަށް އާ އިމާރާތްތައް އެޅުމާއި ދެކުނުގައި އައްޑޫ އަތޮޅުގައި އިރާދަކުރެއްވިއްޔާ އާ މަރުކަޒެއް އެޅުމާއި ޓްރެއިނިން މަރުކަޒަކާއި އިރާދަކުރެއްވިއްޔާ ގިރިފުށީގައި ޓްރޭނިންގ ސެންޓަރު ހެދުމުގެ މަސައްކަތް ވެސް ވަނީ ފެށިފައި.“ ރައީސް ޑރ. މުހައްމަދު މުއިއްޒު.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ޖުމްލަ ބަޖެޓުން 2.87 ބިލިއަން ރުފިޔާ އަސްކަރީ ކަންކަމަށް ޚަރަދުކުރުމަށް ބަޖެޓުކޮށްފައިވާކަން ހާމަވެފައިވެއެވެ.
2026 ވަނަ އަހަރުގެ ބަޖެޓުގައި އަސްކަރީ ދިފާޢަށް ޚަރަދުވާނެކަމަށް ލަފާކޮށްފައިވަނީ 2.8 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ބަޖެޓަށްވުރެ 456 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ބޮޑު އަދަދުގެ ތެރޭގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބަޖެޓާއި ދިފާޢީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުން ޚަރަދުކުރާ ފައިސާ ހިމެނެއެވެ.
ޕީއެސްއައިޕީ ބަޖެޓުން ދިފާޢީ ކަންކަމަށް ޚަރަދުކުރުމަށް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވަނީ 247 މިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ޕީއެސްއައިޕީ ބަޖެޓުގައި ދިފާޢީ ކަންކަމަށް ޚަރަދުވާނެކަމަށް ހިމަނާފައިވާ 85 މިލިއަން ރުފިޔާއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ވަރުގެ އިތުރުވުމެކެވެ. މިއިން އެނގޭގޮތުގޮތުގައި ދިފާޢީ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ސަރުކާރުން ބޮޑެތި ޕްރޮޖެކްޓްތަކެއް ރާވަމުންދާކަން ހާމަވެއެވެ.