ރާއްޖެއަށް 1988ވަނަ އަހަރު ދެވުނު އުދުވާނީ ހަމަލާގައި ޤައުމީ ޚިދުމަތުގައި ޝަހީދުވި ކޯޕްރަލް ޙުސައިން އާދަމްގެ މަތިވެރި ހަނދާނުގައި، އެ ޝަހީދުގެ އުފަން ރަށް ކުޅުދުއްފުށި ސިޓީގައި ޚާއްޞަ ހަނދާނީ ބިނާއެއް މިއަދު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ. މި ބިނާއަކީ ޤައުމަށްޓަކައި ފުރާނަ ޤުރުބާންކުރެއްވި ބަޠަލުންގެ ހަނދާން އާކޮށް، އަންނަން އޮތް ޖީލުތަކަށް ޤައުމީ ޚިދުމަތުގެ މަތިވެރި ނަމޫނާ ދައްކުވައިދޭ ތަރިކައެކެވެ.
މި ތާރީޚީ ހަނދާނީ ބިނާ ރަސްމީކޮށް ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުޙައްމަދު އާޠިފާއި، ޝަހީދު ޙުސައިން އާދަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަޙްމަދު އާދަމާއި، އާއިލާގެ ދެ ދަރިން ކަމުގައިވާ އައިޝަތު ޔުމްނާ އަޙްމަދާއި ފާޠިމަތު ނީމް ޢަބްދުއްރަޝީދެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާޠިފް ވިދާޅުވީ، މިނިވަންކަމަކީ އަގެއް ނެތި ލިބޭ އެއްޗެއް ނޫންކަން އަޅުގަނޑުމެން ޤަބޫލުކޮށް ވިސްނަންޖެހޭ ކަމަށެވެ. ”އެންމެ ފަހުން މި ލޮބުވެތި ވަޠަނުގެ މިނިވަންކަމުގެ އަގަކަށްވީ، މީގެ 37 އަހަރު ކުރިން ޝަހީދުވި ޙުސައިން އާދަމްގެ މާތް ފުރާނަފުޅާއި، އެ ނުރައްކާތެރި ދުވަހު ޝަހީދުވި އެންމެހައި ބަޠަލުންގެ ލެޔާއި ފުރާނަކަން“ މޭޔަރ ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމުގެ ތާރީޚުގައި ތިލަދުންމައްޗަކީ އަބަދުވެސް އިސް ދައުރެއް އަދާކޮށްފައިވާ އަތޮޅެއްކަން އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަޅުވެތިކަމުން މިނިވަންކުރެއްވި ޤައުމީ ބަޠަލު، އުތީމު ބޮޑުތަކުރުފާނަކީވެސް ބޮޑުތިލަދުންމަތީގެ ފަޚުރުވެރި ދަރިކޮޅެއްގެ ބޭފުޅެއްކަން އެމަނިކުފާނު ވިދާޅުވެ ފާހަގަކުރެއްވިއެވެ.
ޤައުމަށް ކުރިމަތިވާ ކޮންމެ އުދުވާނެއްގައިވެސް ތިލަދުންމަތީގެ ޝުޖޖާޢު ބަޠަލުން އެންމެ އިސްސަފުގައި ޤުރުބާނީވުމަށް ތިބޭކަން އެމަނިކުފާނު ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
މިއަދު ރަސްމީކޮށް ހުޅުވުނު ހަނދާނީ ބިނާގައި ބަހައްޓާފައިވަނީ، ޝަހީދު ހުސައިން އާދަމް ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ފުރިހަމަ ނަކަލެކެވެ. މި ތާރީޚީ ހަނދާނީ ބިނާ ޤާއިމުކޮށްފައިވަނީ، ޝަހީދު ހުސައިން އާދަމް ކުޅުދުއްފުށިން އެށިން އެންމެ ފަހުން ފުރާވަޑައިގެންނެވި ތާރީޚީ ސަރަހައްދު ކަމުގައިވާ ކުރީގެ ބަނދަރު ސަރަހައްދުގައެވެ.
މި ޤައުމީ އަގުހުރި ހަނދާނީ ބިނާ ފަރުމާކޮށް ތަރައްޤީކުރުމަށްޓަކައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ ނުވަ ލައްކަ (900,000) ރުފިޔާ ޚަރަދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.