ސަރުކާރުގެ ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ 4 ވަނަ ދުވަހު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ މާލެ ސަރަހައްދުންނާއި ރަސްމާލެއިން ދޫކުރާ ގޯއްޗާއި ފްލެޓްތަކަށެވެ. މިކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މާޗް 3 ވަނަ ދުވަހެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުގައި ޝާއިރުކުރި އިއުލާނުގައިވާ ގޮތުން، އެޕްލިކޭޝަން ހުށަހަޅަން ޖެހޭނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ. ބޯހިޔާވަހިކަމަށް އެދި ހުށަހެޅޭނީ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިން ދޫކުރުމުގެ އުޞޫލު“ ނުވަތަ ”މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓް ދޫކުރުމުގެ އުޞޫލު“ ގެ ތެރެއިން ކޮންމެވެސް އެއް އުޞޫލެއްގެ ދަށުންނެވެ.

ގޯތި ދޫކުރުމުގެ ތަފްސީލް

މި ސިޔާސަތުގެ ދަށުން ޖުމްލަ 15،000 (ފަނަރަ ހާސް) ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ގޯއްޗެއްގެ ބޮޑުމިނަކީ 1250 (ބާރަސަތޭކަ ފަންސާސް) އަކަފޫޓެވެ. މީގެތެރެއިން 10،000 ގޯތި ވަނީ މާލޭ ރަށްވެހިންނަށް ޚާއްޞަކުރެވިފަ އެވެ. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3،000 ގޯތި ދޫކުރާއިރު، ބާކީ 2،000 ގޯތި ވަނީ ޚާއްޞަ ކެޓަގަރީތަކަށް ކަނޑައަޅާފަ އެވެ.

މާލޭ ރަށްވެހިންނަށް ޚާއްޞަ ކުރެވުނު 10،000 ގޯތި ބަހާލެވިފައިވާ ގޮތަށް ބަލާއިރު، އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 7،000 ގޯތި ލިބޭނެ އެވެ. މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1،000 ގޯއްޗާއި، ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،000 ގޯތި ހިމެނެ އެވެ.

ޚާއްޞަ ކެޓަގަރީގެ 2،000 ގޯތީގެ ތެރެއިން 500 ގޯތި ހާއްސަކުރެވިފައިވަނީ މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަޙުރޫމްވެފައިވާ ފަރާތްތަކަށެވެ. އަދި 1،500 ގޯތި ހާއްސަކުރެވިފައިވަނީ މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްޤީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށެވެ.

ފްލެޓްތަކުގެ ތަފްސީލް

ފްލެޓްތަކަށް ބަލާއިރު، ޖުމްލަ 7،500 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެތެރެއިން 5،500 ފްލެޓް ވަނީ މާލޭ ރަށްވެހިންނަށާއި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނަށް ޚާއްޞަކުރެވިފަ އެވެ. މާލޭ ރަށްވެހިންނަށް 4،000 ޔުނިޓު ދޫކުރާއިރު، މާލޭގައި ރަށްވެހިވެފައިނުވާ ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1،500 ޔުނިޓު ދޫކުރާނެ އެވެ. މީގެ އިތުރުން 2،000 ފްލެޓް ވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ޙާއްސަ އިސްކަންދެވޭ ކެޓަގަރީތަކަށް ޚާއްޞަކުރެވިފަ އެވެ.

މާލޭ ރަށްވެހިންނަށް ޚާއްޞަކުރެވުނު 4،000 ޔުނިޓު ބަހާލެވިފައިވާ ގޮތް ތަފްސީލުކޮށްދީފައިވާ ގޮތުގައި، އުފަންވީއްސުރެ ފެށިގެން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 2،500 ޔުނިޓު ލިބޭނެ އެވެ. މާލޭ ރަށްވެހިންގެ ދަފްތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 1،000 ޔުނިޓު އަދި ފަހުން މާލޭ ގެއެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް 500 ޔުނިޓު ހިމެނެ އެވެ.