ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް، ”ރައްޔިތުންނާއެކު ކުރިއަށް- ހަފުތާ 104“ މިނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި، އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންފިއެވެ.
މިރޭ، ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ވޭތުވެ ދިޔަ ދެ އަހަރުދުވަހު އެމަނިކުފާނުގެ ސަރުކާރުން ހޯއްދަވާފައިވާ ކާމިޔާބީތަކާއި، ސަރުކާރުގެ މުހިންމު ނިންމެވުންތަކާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފައްޓަވައި އަދި ފުރިހަމަކުރައްވާފައިވާ ބޮޑެތި މަސައްކަތްތަކާ ގުޅޭގޮތުން، ތަފާސްހިސާބާއެކު ތަފްޞީލު މަޢުލޫމާތު، ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންނާއި، ދައުލަތުގެ ޢިއްޒަތްތެރީންނާއި، ސަރުކާރުގެ އިސް ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.