އަތޮޅު ކައުންސިލް އުވާލަން ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި އެ ބިލްގައި އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި ބިލުގައި އޮތް ބަދަލަކީ ގާނޫނުއަސާސީގެ 231 ވަނަ މާއްދާގެ އިސްލާހުކޮށް، އަތޮޅު ކައުންސިލްގެ ބައި އެ މާއްދާއިން އުނި ކުރުމެވެ.

އެ ބިލް މަޖިލީހުގެ ޖަލްސާގައި ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ ވޯޓުންނެވެ. އެ ބިލު ފާސް ކުރުމާ ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެންބަރުންނެވެ.

އެހެން ނަމަވެސް އެ ބިލްގައިވާ ގޮތުން އެ ބިލް ތަސްދީގުކުރި ނަމަވެސް މިހާރު އިންތިހާބުވެފައި ހުރި އަތޮޅު ކައުންސިލްތަކުގެ ދައުރު ނިމެންދެން އެ ކައުންސިލްތައް ދެމި އޮންނާނެ އެވެ. އަދި އެ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ ލޯކަލް ކައުންސިލް އިންތިހާބަށްފަހު ކަމަށް އެ އިސްލާހުގައިވެ އެވެ.

އަތޮޅު ކައުންސިލްތައް އުވާލަން ހުށަހެޅި އިސްލާހު ފާސް ކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ބަދަލުކުރަން ވެސް އެ އިސްލާހުގައި ހުށަހެޅި ނަމަވެސް އެ ބައި ކޮމެޓީން ވަނީ އުނިކޮށްފަ އެވެ.