ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއްކޮށްލުމުން ދައުލަތަށް 80 މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިހެން ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމަށް ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.
ފަލާހު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމަށް މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ކުރުކުރުމަށް ނިންމާފައިވާއިރު އޭގެ ސަބަބުން 20 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރުން 6 މަސް ދުވަސް އުނިވާނެ ކަމަށެވެ. ނަމަވެސް މިއީ ޤައުމާއި އިގްތިސާދަށް ވިސްނާނަމަ ފައިދާ ހުރި ކަމެއް ކަމަށާއި އެފަދަ ކަންކަމުގައި މެންބަރުންނަށް ގެއްލުންވިނަމަވެސް ތިއްބަވާނީ ޤައުމަށް ފައިދާވާނެ ގޮތަށް ކަމަށް ފަލާހު ވިދާޅުވިއެވެ.
މަޖިލިސް އިންތިޚާބު ބޭއްވުމަށް 60 މިލިޔަން ރުފިޔާ އާއި 80 މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދެއް ޚަރަދުވާކަން ތަފާސްހިސާބުތަކުން ދައްކާކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ ދެ އިންތިޚާބު އެއްކޮލުމުން އެ ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށެވެ.
ޤާނޫނުއަސާސީގައިވާގޮތުން މަޖިލީހުގެ ދައުރަށް ބަދަލު ގެނައުމުގެ ބިލު ފާސްކުރުމަށްފަހު އެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހެއެވެ. އެހެންވެ، އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ވޯޓު ނެގުމަށް ބިލުގެ މަސައްކަތް ނިންމުމަށް މިއީ އެންމެ އެކަށީގެންވާ ވަގުތު ކަމަށް ފަލާހު ވިދާޅުވިއެވެ.
”ހަގީގަތުގައި މިވުގުތު މިއީ އެންމެ ރަނގަޅުވަގުތު ޤާނޫނުއަސާސީއަށް މި ދެ އިންތިޚާބު އެއްކޮށްލަން މި އިސްލާހު ގެންނަަކަމަށް ވަންޏާމުން ގެންނަން. ވަގުތު ރަނގަޅު ކަމަށް މި ދަންނަވާ އެންމެ މުހިންމު އެއް ސަބަބަކީ ކައުންސިލް އިންތިޚާބާ ދިމާކޮށް ފޮނުވާތީ. އެ ނޫންގޮތަކަށް އިސްލާހު ކުރާނަމަ އަނެއްކާވެސް އިތުރު އިންތިޚާބެއް ބާއްވައި ދައުލަތަށް ޚަރަދުބޮޑުވާނެ،“ ފަލާހު ވިދާޅުވިއެވެ.
މަޖިލީހުގެ ދައުރު ކުރުކޮށް ދެ އިންތިޚާބު އެއްކޮށްލުމަށް ސިޔާސީ ގިނަ ލީޑަރުންތަކެއްވެސް ތާޢީދުކުރައްވާކަން މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ އިސްލާހަކަަށް އަމަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށްފަހު ކަމަށްވާތީ ބިލާ ދެކޮޅުު ހެދުމުގެ މާނައެއް ނެތް ކަމަށްވެސް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ.
ސަރުކާރުގެ ފަރާތުން ޤާނޫނުއަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގައިވާ ގޮތުން މަޖިލީހުގެ ދައުރު ފަށާ ޖަލްސާ 1 ޑިސެމްބަރަށް ބަދަލުވާނެއެވެ. އަދި މިހާރު ހިނގަމުންދާ ދައުރުގެ މުއްދަތު 1 ޑިސެމްބަރ 2028 އާ ހަމައަށް ހަމަވާނެއެވެ. މިހާރު އޮތްގޮތުން މަޖިލީހުގެ ދައުރު ހަމަވާނީ 2029ވަނަ އަހަރުގައެވެ.