ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅައި، އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭ ގޮތަށް ހެދުމަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މި އިސްލާހު ހުށަހެޅުއްވީ، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަޙްމަދު އަޒާން މަރްޒޫޤްއެވެ.

ގާނޫނަށް ގެންނަން ހުށަހެޅި އިސްލާހުގައި އޮންލައިންކޮށް ހިންގާ ޖުވާ ކުޅުމުގެ ވިޔަފާރި ވެސް ވަނީ ހިމަނައިފައެވެ.

މި ބިލުގައި ވާގޮތުން، ޖުވާ ކުޅުމާއި އެފަދަ ތަނެއް ހިންގުމުގެ ކުށުގެ ދަރަޖަ ކަމަށް ކަނޑައަޅާފައިވަނީ ޖިނާއަތުގެ ހަތަރު ވަނަ ދަރަޖަ އެވެ. އެ ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަސް އަދި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. ހަތަރު އަހަރާ ހަމައަށް ބޮޑު އަދަބެއް ކަނޑައެޅޭއިރު، އެންމެ ކުޑަ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.

ބިލުގައި ބުނެފައިވާ ގޮތުން، ޖުވާކުޅުމަކީ ވަކި މުބާރާތެއްގައި ނުވަތަ ކުޅިވަރެއްގައި ނުވަތަ ވަކި ސްކީމެއްގައި އިލެކްޓްރޯބިކްކޮށް ނުވަތަ ޖުވާކުޅުމުގެ އާލާތެއް މެދުވެރިކޮށް ނުވަތަ ހިނގަމުންދާ ނުވަތަ ކުރިއަށް އޮތް ތަނުގައި ހިނގާނެ ވަކި ކަމެއްގެ މައްޗަށް ބިނާކޮށް، އެކަމުން ނުކުންނާނެ ކަނޑައެޅޭ ވަކި ނަތީޖާއެއް ލިބިގަތުމުގެ މުގާބިލުގައި މީހަކު އަތުގައި ހުރި އެއްޗެއް ދޫކޮށްލުމެވެ.

މި އިސްލާހުގައިވާ ގޮތުން، މުނިފޫހިފިލުވުން ނުވަތަ ކުޅިވަރުގެ ބޭނުމަށް އެކި ފަރާތްތަކުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތްތަކުގައި ބައިވެރިވެ، އެފަދަ މުބާރާތްތަކުގެ ބައިވެރިންނަށް ފައިސާ، ނުވަތަ އަގުހުރި އެއްޗެއް އެކުލެވޭ އިނާމެއް ދިނުމާއި، އެއްވެސް އަގެއް ދިނުމަކާ ނުލާ މީހުންގެ މެދުގައި ގުރުއަތު ލައިގެން ހޮވޭ ފަރާތަކަށް ނުވަތަ ފަރާތްތަކަށް ފައިސާ، ނުވަތަ އަގުހުރި އިނާމެއް ދިނުން ޖުވާ ކުޅުމުގެ ތެރޭ ނުހިމެނެ އެވެ.

އަދި އޭގެ އިތުރުން ޖުވާކުޅުމުގެ އާލާތެއް ކަމުގައި ނުވާ އިލެކްޓްރޯނިކް ނުވަތަ އިލެކްޓްރޯމެކޭނިކަލް ނުވަތަ މެކޭނިކަލް ގޮތަކުން ކުޅިވަރުގެ ބޭނުމަށް ފަރުމާކުރެވިފައިވާ ނުވަތަ އެޑެޕްޓްކުރެވިފައިވާ ޑިވައިސް ނުވަތަ މެޝިނަކުން ކުޅުންތެރިންނަށް ލިބިދޭ ވަނަތަކާއި އިނާމާއި އެފަދަ އެއްޗެއް ރިޑީމްކުރުމަށް ދާ އަގެއް ރަމްޒުކޮށްދޭ ކޮއިން ނުވަތަ ޓޯކަން ފަދަ ތަކެތި ލިބިގަތުމާއި އެފަދަ ޑިވައިސް ނުވަތަ މެޝިން ބޭނުން ކުރުންވެސް ޖުވާ ކުޅުމުގެ ތެރެއިން ނުހިމެނޭ ކަމަށްވެސް މި ބިލުގައި ހިމަނާފައި ވެއެވެ.

ރާއްޖޭގައި ޖުވާކުޅުން، އިތުރުވެފައިވާތީ ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.

އެހެންކަމުން، ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަނެއް ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މަސައްކަތްތައް ފަށްޓަވައިފައިވާ ކަމަށާއި، އެގޮތުން ޤާނޫނުލްޢުޤޫބާތު އިސްލާޙުކުރަން ސަރުކާރުން ބިލެއް ހުށަހަޅާފައި ވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ މަހުގެ 10ވަނަ ދުވަހު ހާމަކުރައްވާފައި ވެއެވެ.