ޑިމޮކްރެސީއާ އިދިކީލަ ވިސްނުންފުޅެއް ކުރިއަށް ނެރުއްވައި، ކައުންސިލްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ނުޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ކޮންގްރެސް ޕާޓީ)ގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަކީ ރައްޔިތުންނަށް އޮތް ފުރިހަމަ އިޚްތިޔާރީ ނިންމުމެއްގެ ފުރުސަތު ކަމަށާއި ސަރުކާރާ އިދިކޮޅު މީހުން ކައުންސިލްތަކަށް ހޮވުމުން، ސަރުކާރަށް ޖެއްސުންކޮށް، ދަތިކުރުމުގެ އަމަލުތައް މީގެ ކުރިން ހިންގާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކަައުންސިލް އިންތިޚާބަށްފަހު ބާރު ދުވެއްޔެއްގައި ރައްޔިތުން އެދޭ ކަންކަން ފުރިހަމަކޮށްދެއްވަން ބޭނުންފުޅުވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ހުރިހާ ވައުދުތަކެއް ފުއްދުމުގައި ލޯކަލް ލެވެލްގައި އެއްބާރުލުން ދެއްވާނެ ބޭފުޅުން ހޮވައިދެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެމަނިކުފާނަށް އެންމެ ފުރިހަމައަށް އިތުބާރު އޮތީ ޕީއެންސީގެ ފަރާތުން ކުރިމަތިލާ ކެންޑިޑޭޓުންނަށް ކަމަށްވާތީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އިލްތިމާސް ކުރެއްވިއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މިހާރުވެސް އެކި ކަންކޮޅުތަކުގައި އެކި ދާއިރާތަކުން ބާރު ސްޕީޑުގައި މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކަންކަން ތަރުތީބު ކުރެވިފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށް ރަށު ފެންވަރުގައާއި ސިޓީ ފެންވަރުގައި ދޭންޖެހޭ އެއްބާރުލުން ހިތާ ރޫހުން ދޭނެ ކެންޑިޑޭޓުން ރައްޔިތުން ހޮއްވަވައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު ވީ ކޮންމެ ވަޢުދެއް ލިޔެވިފައި އެވަނީ. އެ ވަޢުދުތައް ފުއްދުމަށްޓަކައި މި ނިމިގެންދިޔަ ދެ އަހަރު އެވަނީ ގިނަ މަސައްކަތްތަކެއް ކުރެވި، ވަރަށްގިނަ ވަޢުދުތަކެއް ފުއްދި، ފުއްދުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ފެށި، އަދި ދެން ހުރި ގިނަ ކަންތައްތަކެއް މި އަހަރު ކުރުމަށް ތަރުތީބުކުރެވިފައި.“

ރައީސް ވިދާޅުވީ، ޕާޓީގެ ފަރާތުން ވެސް މިކަމުގައި ފުރިހަމަ މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި، މިހާރުވެސް ވަރަށް ސީރިއަސް މުހިންމު މަސައްކަތްތަކެއް ފެށިފައިވާ ކަމަށެވެ. އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ އިންތިޚާބެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

”ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮންނަ މުއައްސަސާތަކެއް ނޫން ޤާނޫނީގޮތުން. ސަރުކާރު ޖަވާބުދާރީކުރުވުމަށް ކައުންސިލަށް މީހުން ހޮވަން ކެމްޕޭންކުރާކަމަށްވާނަމަ އެއީ ފުރަތަމަވެސް ނުވައި ސިގްނަލެއް. ރައްޔިތުން ވިސްނަންޖެހޭ ސިގްނަލެއް އެއީ. ޤާނޫނުގައި އޮވޭ ވަރަށް ސާފުކޮށް ބަޔާންކޮށްފައި ސަރުކާރު ޖަވާބުދާރީކުރާނީ ކޮންބައެއްކަން. ކައުންސިލަކީ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ފަށަލައެއް.“

މިރޭގެ ޖަލްސާގައި މައި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ކައުންސިލްތަކުން ކުރަންޖެހޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިޔަސް ޑިމޮކްރެޓިކް އަގުތަކާއި މިންގަނޑުތަކުން ބަލާ ނަމަ އެއީ ޑިމޮކްރެސީއާ މުޅިން އިދިކީލަ ވާހަކަފުޅެކެވެ. ސަބަބަކީ، ކައުންސިލްތައް ނުވަތަ ރަށު ސަރުކާރުތަކަކީ މައި ސަރުކާރަށް އެއްބާރުލުން ދިނުމާއި އެއްވަރަށް ސަރުކާރު ހިންގާ ގޮތާމެދު ފާރަވެރިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ވެސް ދައުރު އޮތް ބައެކެވެ.

ފުރިހަމަ ލާމަރުކަޒީ ނިޒާމެއްގައި އެކަން އޮންނަން ވާނީ ވެސް އެގޮތަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ މި އިންތިހާބުގައި ހުރިހާ ދާއިރާއަކުންވެސް ޕީއެންސީގެ ކެންޑިޑޭޓުން ވާދަ ކުރައްވާނެ ކަމަށެވެ.