ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގެ ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާންމުކޮށް، ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަންސް އިން ހުޅުވާލައިފިއެވެ.

މި އިންތިހާބު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޭޕްރީލް މަހު 4 ވަނަ ދުވަހުގައެވެ.

އީސީ އިން ބުނީ ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަންގެ މައި ޕޯޓަލް، މެ މެދުވެރިކޮށް،  މިމަހު 18 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

އީސީ އިން ބުނީ މި މުއްދަތުގައި ރަޖިސްޓަރީ ޞައްޙަކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލަކާ ނުވަތަ އުނިއިތުރަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ޝަކުވާ ހުށަހެޅޭނެ ކަމަާށެވެ. ހަމަމިއާއެކު،ޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މައުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ  ސައްހަކަން ސާބިތުވާނެ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެއެވެ.

އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވަނީ ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށެވެ.އީސީ އިން އާންމުކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވަނީ ޖުމްލަ 294,937 މީހުންނަށެވެ.